ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ މެދުގައި ބާއްވާ ދެވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ޞާލިހު ވިދާޅުވީ ޕާޓީ ޓޯކްސްގެ ދެވަނަ ބައްދަލުވުން ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓާޒް މާފަންނު ކުނޫޒުގައި އޮންނާނެކަމަށެވެ. މިބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. ޖޭޕީއާއި ރައީސް ނަޝީދުގެ ފެކްޝަނުން މިރޭ ބައްދަލު ކުރާއިރު ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ މެންދުރު 12 ޖެހުމާއި ހަމައަށް ހަމަވާނެއެވެ.
މިބައްދަލުވުމުގައި ބައިވެރިވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނާއި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނެވެ. މިއީ މިދެފަރާތުން ބާއްވާ ދެވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުމަށްފަހު ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" އަށް ތާއީދު ކުރައްވާ މެމްބަރުން ރިޔާސީ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތުން ބައިވެރިވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަމްރު މިބައްދަލުވުމުގައި ބެރިވެރިތާ ގިނަ ދުވަސްތަކެއް ނުވަނީސް ވަނީ އެސްޓީއޯގެ އެމްޑީގެ މަޤާމުން ވަކިކޮށްފައެވެ.
ޖޭޕީން ޕާޓީތަކާއި މަޝްވަރާ ކޮމިޓީގައި ތިއްބަވަނީ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިނާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީއާ މިރޭ ދެވަނަ ފަހަރަށް ބައްދަލު ކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނާ އެކީގައި ކޯލިޝަން ހަދަން ނިންމާފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި މުލިއާގޭގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނަޝީދަށް އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނުހެއްދެވޭނެ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ ގޮތަށް ތަން ނުދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ގެންދަވަނީ ސަރުކާރުގައި ތިބި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަޤާމުތަކުން ވަކި ކުރަމުންނެވެ. އެގޮތުން އަމްރުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
ކޮމެންޓު ފޮނުވާ