އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާތީ، ގއ. ކޮލަމާފުށި ޔޫތު ސެންޓަރުގެ މުވައްޒަފަކު ވަކިކޮށްފިއެވެ.
މަގާމުން ވަކި ކޮށްފައިވަނީ އެރަށު ޔޫތު ސެންޓަރުގެ، ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި އެރަށު ބޮންތި، ސައްފަތު ޖަމީލެވެ.
އޭނާ މަގާމުން ވަކި ކުރިކަން އަންގާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ގއ. ކޮލަމާފުށި އިޖްތިމާއީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް މަގާމުން، ސަފްއަތު ޖަމީލު މިއަދު ވަކި ކުރައްވާފައިވާ ކަމުގައި ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.
އޭނާ މަގާމުން ވަކި ކުރެއްވީ ނަޝީދަށް ތާއިދު ކުރައްވާތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭނާއަކީ ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައިވެސް އުޅޭ ފަރާތެކެވެ.
މީގެ ކުރިން، ނަޝީދަށް ތާއިދު ކޮށްގެން މަގާމުން ވަކި ކޮށްފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދެވެ.
ކޮމެންޓު ފޮނުވާ