ތިލަފުށީ ބިންހިއްކުމުގެ ބޮޑު މަޝްރޫޢު ފަށައިފި

ތިލަފުށީ ބިންހިއްކުމުގެ ބޮޑު މަޝްރޫޢު ފަށައިފި

ކ. ތިލަފުށި ބިން ބޮޑު ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތަކީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް ފެށިފައިވާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން ތިލަފުށި ފޭސް ދޭއް އޭރިއާ ސީގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއި ހަވާލުކުރެވިފައިވާ މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ. އެޗްޑީސީން ވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ.

ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތުވެސް ތިލަފުށީގައި 200އަށްވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންއާދެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެއްގެ ގޮތުގައި އެޗްޑީސީން ވަނީ ސިފަކޮށްފައިއެވެ. އެޗްޑީސީން ބުނީ ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާ އުނދަގޫތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ.

މާލޭގައި ހިނގާފައިވާ ނުރައްކާތެރި އެކި ހާދިސާތަކަށް ރިއާޔަތްކޮށް އެޗްޑީސީން ވަނީ މިފަދަ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިންގުމުގައި ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއަރހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް މިހާރު އާއްމުވެފައިވާކަމަށް ފާހަގަކޮށްފައެވެ. އެހެންކަމުން، މިފަދަ ކަންކަން ތަކުރާރުނުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު މިކަމަށް ޙާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުމަކީ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *