ދަރަނި ރީ-ސްޓްރަކްޗާ ކޮށްފިނަމަ ބޭރުން ފައިސާ ހޯދުން ދަތިވާނެ: އަމީރު

ދަރަނި ރީ-ސްޓްރަކްޗާ ކޮށްފިނަމަ ބޭރުން ފައިސާ ހޯދުން ދަތިވާނެ: އަމީރު

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2023 12:09
0

ދަރަނި ރީ-ސްޓްރަކްޗާ ކޮށްފިނަމަ ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވާނެ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދަރަނި ރީ-ސްޓްރަކްޝާ ކުރުމާއި ގުޅޭގޮތުން މިޔަ އަހަރު ސެޕްޓެމްބަރު މަހު ލިޔުމުން ޖަވާބު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަމީރު ވިދާޅުވެފައި ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ރޭޓިން އެޖަންސީތަކުން ދިވެހި ސަރުކާރުގެ ސިލެކްޓިވް ޑިފޯލްޓް ރޭޓިން ޑައުންގްރޭޑް ކުރާނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ދައުލަތާއި ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވުން ކަމަށާއި ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުން ކަމަށް އަމީރު ވިދާޅުވިއެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީފޯލްޓް ރޭޓިންއަށް ޑައުންގްރޭޑް ކުރާކަމެއް.

– މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިދިޔައަހަރުގެ ދަރަންޏާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 118 އިންސައްތަ ކަމަށެވެ. އެއީ ދައުލަތުން ދީދާ ނަގާފައިވާ ދަރަނީގެ 100 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 އިންސައްތަ ކަމުގައެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު ޖީޑީޕީ ރޭޝިއޯ ހުންނާނެކަމަށް ލަފާކުރެވުނީ 111 އިންސައްތައިގައެވެ.

އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 98 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 13 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މެންބަރު އިބްރާހީމް ރަޝީދު ވަނީ ސުވާލު ކުރެއްވިތާ ހަ މަސް ދުވަސްވެފައިވާ ކަމަށާއި ޖަވާބު ލަސްކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.