ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ.
ފުރަތަމަ ބައި: ބުއްދި ސަލާމަތުން ހުރި، ބާލިޣްވެފައިވާ، ރަށުގައި ގާއިމްވެ ހުރި، އަދި ރޯދަހިފުން މަނާކުރާނެ އެންމެހައި ކަންކަމުން ސަލާމަތްވެގެންވާ މީހާ، މިފަދަ މީހުން ރަމަޟާންމަހުގައި ރޯދަހިފުން ވާޖިބު ވެގެންވޭ.
ދެވަނަ ބައި: ކުޑަކުދިން. އެކުދިން ބާލިޣްވުމާއި ހަމައަށް ރޯދަހިފުން ވާޖިބު ވެގެން ނުވެއެވެ.
ތިންވަނަ ބައި: މޮޔައިން. މޮޔައިންނަކީ ބުއްދި ފިލާގޮސްފައި ތިބޭ މީހުންނެވެ. އެފަދަ މީހުންގެ މައްޗަށް ރޯދަ ވާޖިބު ވެގެން ނުވެއެވެ.
ހަތަރުވަނަ ބައި: މުސްކުޅި ބަލީގެ ސަބަބުން ތަންދޮރުވަކި ކުރަން ނޭނގޭވަރުވެފައިވާ މީހުން. މިފަދަ މީހުންނަށް ރޯދަ ހިފުން ވާޖިބެއް ނޫނެވެ. އަދި ރޯދައިގެ ބަދަލުގައި ކާންދޭކަށްވެސް ނުޖެހެއެވެ.
ފަސްވަނަ ބައި: ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ގޮތުގައި ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހުން. މިޘާލަކަށް ޢުމުރުން ދުވަސްވީ މީހުން، ކެންސަރުގެ ފަހު ސްޓޭޖްގައި ހުރުން ފަދަ ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބަލިތަކުގެ އަހްލުވެރިން، އެފަދަ މީހުން ރޯދަ ހިފާކަށް ނުޖެހޭނެއެވެ.
ހަވަނަ ބައި: ރޯދަވީއްލުމަށް ޢުޛުރު ހޯދުމުގެ ބޭނުމުގައި ނޫންގޮތަކަށް ދަތުރު ކުރާ މީހުން.
ދަތުރުވެރިޔާގެ ދަތުރުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ނުހިފުން ކަމަށްވަނީނަމަ، އެއީ އޭނާ އަށް ކުރެވޭ ވަރަށް ބޮޑު ޙަރާމް ކަމެކެވެ. އަދި އޭނާ ރޯދަވީއްލުން ޙަރާމްވާނެއެވެ. އަދި ރޯދަހިފުން ވާޖިބުވާނެއެވެ.
ހަތްވަނަ ބައި: ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބަލިތަކުގެ އަހްލުވެރިން. މިބައިމީހުންގެ ތިން ޙާލަތެއް ވެއެވެ.
އަށްވަނަ ބައި: ޙައިޟުވެރިން، ފަހެ ހައިޟުވެރިންނަށް ރޯދަ ހިފުން ޙަރާމްވާނެއެވެ. އަދި އެމީހުންގެ ކިބައިން ރޯދަ ޞައްޚަ ނުވާހުއްޓެވެ.
ނުވަވަނަ ބައި: ކިރުމައި އަންހެނާއާއި މާބަނޑު އަންހެނާ. (ރޯދައަށް ހުރުމުގެ ސަބަބުން) އެކަނބުލޭގެ އަމިއްލަ ނަފުސަށް ނުވަތަ ދަރިފުޅަށް ގެއްލުމެއް ލިބިދާމެކަމަށް ބިރުވެތިވާނަމަ ފަހެ އެކަނބުލޭގެ ރޯދަ ދޫކޮށްލާށެވެ.
ދިހަވަނަ ބައި: ނުރައްކަލަކުން އަނެކާ ސަލާމަތް ކުރުމަށްޓަކައި، ރޯދަ ދޫކޮށްލަން ޖެހިއްޖެނަމަ ރޯދަ ދޫކޮށްލެވިދާނެއެވެ. މިސާލަކަށް މަޢުޞޫމަކަށް ޣަރަޤުވަނިކޮށް ނުވަތަ އަނދަނިކޮށް ނުވަތަ (އެނޫންގޮތަކުންވެސް) ހަލާކުގެ ތެރެއަށް ވެއްޓިގެންދާހިނދު، ކައިގެން ބޮއިގެން ގައިގާވަރުޖެހިގެން މެނުވީ އެކަމުން އެމަޢުސޫމު މީހާ ސަލާމަތްކުރެވެން ނެތްނަމަ ރޯދަ ދޫކޮށްލެވިދާނެއެވެ.