ހުޅުމާލޭގެ ނިރޮޅުމަގާއި ކަނީރުމަގުގެ އިތުރުން ބޯގަންވިލާމަގުގައި ގާއިމުކޮށްފައިވާ ވަރޓިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކޮށް ބަލަހައްޓާނެ ފަރާތްތައް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.
މިއީ 2017 ވަނަ އަހަރު މަސައްކަތް ފަށައި ހުޅުމާލޭގައި ހަދާފައިވާ ވަރޓިކަލް މެކޭނިކަލް ޕާކިން ސިސްޓަމްތަކެކެވެ.
އެޗްޑީސީން މީގެކުރިން ބުނެފައިވަނީ ހުޅުމާލޭގައި ބަހައްޓާފައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީކަމަށެވެ. އަދި މި މަޝްރޫއު ނުނިމި އޮތީ އޭރު އެޗްޑީސީއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދައްކާފައި ނުވާތީ ކަމަށެވެ. ނަމަވެސް މައްސަލަތައް ޙައްލުކޮށް މިހާރު މިވަނީ ސިސްޓަމްތައް ބޭނުންކުރަން ތައްޔާރުވެފައިކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ހުޅުމާލޭގައި އެކި ސަރަޙައްދުތަކުގައި ދިހަވަރަކަށް ވަރޓިކަލް ޕާކިން ސިސްޓަމް ބަހައްޓާފައިވެއެވެ. މީގެތެރެއިން އެޗްޑީސީން ހުޅުވާލާފައި މިވަނީ 6 ޕާކިން ސިސްޓަމް އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.
އެއީ ނިރޮޅު މަގުގައި ހުރި 2 ޕާކިން ސިސްޓަމާއި، ބޯގަންވިލާ މަގުގައި ހުރި 3 ސިސްޓަމް އަދި ކަނީރުމަގުގެ ޕާކިން ސިސްޓަމެވެ. މީގެތެރެއިން 5 ސަރަޙައްދެއްގައި ބަހައްޓާފައިވަނީ 26 ކާރު ޕާކުކުރެވޭ ސިސްޓަމްތަކެވެ. އެއް ސިސްޓަމަކީ 36 ކާރު އެއްފަހަރާ ޕާކު ކުރެވޭނެ ސިސްޓަމެވެކެވެ.ޕާކިން ސިސްޓަތައް އޮޕަރޭޓް ކޮށްދީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ. މިއީ ޖުމްލަ 166 ޕާކިން ސްލޮޓެކެވެ.
މި ސިސްޓަމްތައް ޚާއްސަކޮށްފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ. ސިނަމާލެ ބްރިޖާއި، އަދި ހުޅުމާލޭގައި ކުރިއަށްގެންދާ ގިނަ ހައުސިން މަޝްރޫޢުތަކާއެކު، ހުޅުމާލޭގެ އާބާދީ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު ހުޅުމާލެއަށްވެސް ޕާކިން މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.
ހުޅުމާލޭގައި އާއްމު ޕާކިން ޒޯންތައް އިތުރުކުރުމާއި، އަދި ސްމަރޓް ޕާކިން ޒޯންތަކެއްވެސް އެޗްޑީސީން އަންނަނީ އިތުރުކުރަމުންނެވެ. މީގެއިތުރުން ދުއްވާ މީހުންނަށް ފަސޭހަކުރުމަށް މަގުތައް ބޭނުންކުރާ ގޮތްތަކަށްވެސް އަންނަނީ ބަދަލު ގެންނަމުންނެވެ.
ކޮމެންޓު ފޮނުވާ