ސިޔާސީ އެކި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާކަމަށާއި، އެބާރު ހަނިކކުރަން އަދި މިހާތަނަށް އިސްލާހެއް ގެނެސްފައި ނުވާކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރ ސަމީރުގެ ރައްދެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފިއެވެ.
ސަރުކާރުގެ އިސް މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. ރައީސް ނަޝީދު ގެންގުޅުއްވާ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓް، "އަނެއް ދިވެހިރާއްޖެ" އިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫން ކަމަށެވެ.
މަގާމުތަކުގައި ތިއްބެވީ އެމްޑީޕީން ހުށަހެޅި ބޭފުޅުން. އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެބޭފުޅުން ވަކިވެސް ނުކުރެވޭނެ. އެބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫން. އަނެއް ދިވެހިރާއްޖެ އެކައުންޓުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ނަޝީދުގެ މިވާހަތަކާއި ގުޅިގެން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމި ހިސާބުން އެޕާޓީން ވަކިވެ ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނާއި ބައިވެރިވެފައިވާ ސަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތަށް ތެދުވެރިކަމާއިއެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ.
ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވި ކަންކަމަށް އިޝާރާތް ކުރައްވައި ސަމީރު ވިދާޅުވީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހަށާއި، ސިޔާސީ އެކި މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށް ވަކި ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވާފައިވާކަމަށެވެ. އެކަން ހަނި ކުރުމަށްޓަކައި، އަދި އެބާރު ރައީސަށް ނުލިބޭނެހެން މިހާތަނަށް ޤާނޫނު އަސާސީއަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ސަމީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަކީ ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރުމަށް ގަންދީ ހުވާކުރައްވައިގެން ތިއްބަވާ ޢިއްޒަތްތެރި މެންބަރުން! ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ ގެ (ޅ) އަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހުން އަދި ގެނައި ކަން އެނގޭ ކަށް ނެތް؟
– ސަމީރު ވިދާޅުވިއެވެ.
ނަޝީދު މިގޮތަށް ޓްވީޓެއް ކުރެއްވިއިރު، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ކޯލިޝަން ނުހަދަން ނިންމައި އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަ ކުރަން ނިންމައިފައެވެ.
މިއާއެކު އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ދާދި ފަހުން ޖޭޕީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހެދި ކޮމިޓީ އާއި ކުރީގެ ރައީސް، ނަޝީދުގެ ފެކްޝަނުން މ. ކުނޫޒުގައި ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
އޭގެ އިތުރުން ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" އަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ޖޭޕީއާއެކު ރިޔާސީ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.
ކޮމެންޓު ފޮނުވާ