އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައިފި

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2023 02:40
0

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ ގޮޑި ގެއްލިއްޖެކަމަށް އެގައުމުގެ ގާނޫނުހަދާ މަޖިލިހުން ކަނޑައަޅައިފިއެވެ.

އިންޑިއާގެ ގާނޫނުހަދާ މަޖިލިހުން މިއަދު އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ މައްޗަށް އަބުރުގެ ކުށް ސާބިތުވެ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން، ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަމުގެ ޝަރުތު އޭނާގެ ކިބައިން މިހާރު އުނިވެފައިވާ ކަމުގައެވެ.

ރާހޫލް ގާނދީގެ މައްޗަށް ހުކުމް އިއްވީ ގުޖުރާތު ސޫރަތު ސިޓީ ކޯޓުންނެވެ.

ރާހުލް ގާންދީގެ މައްޗަށް އަބުރުގެ ދައުވާކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްވާ ގޮތަށް، އަދި މޯދީ އަކީ ވަގެއް ކަމަށް ދޭހަވާ ގޮތަށް 2019 ގައި ކަރުނާޓަކާގައި އޮތް ކެމްޕޭން އެއްވުމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ރާހުލްގެ ވާހަކަތަކުގައި ނަރެންދުރަ މޯދީ އަކީ ވަގެކޭ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ވާހަކަތައް އަޑުއަހާ މީހުންނަށް އެކަން އެގޮތަށް ދޭހަވާ ގޮތަށް ރާހުލް ވާހަކަ ދައްކަވާފައި ވެއެވެ. ރާހުލްގެ ވާހަކަތައް އިބާރާކޮށްފައި ހުރީ ވެސް އަތްނުލައި އައްދޮ ކިޔުއްވާ ގޮތަށެވެ.

ރާހުލްގެ ވާހަކަތަކުގައި ސުވާލުކުރެއްވީ މީހެއްގެ ނަމުގެ ފަހަތަށް މޯދީ އަތުވެއްޖެނަމަ އެ މީހަކު ވަގަކަށް ވަނީ ކީއްވެތޯއެވެ. މި ސުވާލަށް ދެއްވާނެ ފަސޭހަ ވަކި ޖަވާބެއް ނެތް ނަމަވެސް މިކަން މިގޮތަށް ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލު ޖައްސަވަމުން ރާހުލް ވިދާޅުވީ ފުރަތަމަ ނަމުގެ ފަހަތަށް މޯދީ އަންނަ ބައެއް މީހުންގެ ނަންތަކެވެ. އެއީ ނިރާވް މޯދީ އާއި ލަލިތު މޯދީއެވެ. މި ދެ މީހުންނަކީ ވެސް އެ މީހުންގެ މަސައްކަތާއި ވިޔަފާރީގައި ވަގުހަދައި އޮޅުވާލުގެ ބޮޑެތި ކުށްތައް އޮތް ދެ މީހުންނެވެ.

އެހެންކަމުން، ރާހުލްގެ ވާހަކަތައް އަޑުއަހާ މީހަކަށް ދޭހަވާންވާ ގޮތަށް އޭނާގެ ވާހަކަ ބައްޓަން ކުރައްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީވެސް އެ ފަދައިން ކުށްތަކުގެ ރެކޯޑް އޮތް ބޭފުޅެއް ކަމަށް ދޭހަކޮށްދިނުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެހެން ނަމަވެސް، ކޯޓުގެ ހުކުމުން ދިފާއުވެ ވަޑައިގަތުމަށް ރާހުލް ވިދާޅުވީ މޯދީގެ ނަން އެ ގޮތަށް ބޭނުންކުރެއްވި ނަމަވެސް، ވަކި މީހަކަށް އަމާޒު ނުކުރައްވާ ކަމަށެވެ. ރާހުލްއަށް އިއްވި ހުކުމާ ބެހޭ ގޮތުން ބައެއް މީހުންގެ ނަޒަރިއްޔާ އަކީ، ކޯޓުން އިއްވީ ރާހުލްއަށް އިއްވިގެން ވާނެ ހުކުމެއް ނޫން ކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންޑިއާގައި އޮތް ކަމަށް ބުނާއިރު އަބުރުގެ ކުށް ސާބިތުވުމަށް ވަކި މީހެއްގެ އަބުރާ ބެހުނުކަން ބަހުސެއް ނެތް މިންވަރަށް އެ މީހަކަށް ނިސްބަތްވާން ޖެހޭނެ ކަމަށް ގާނޫނީ މާހިރުން ބުނެއެވެ. ރާހުލްއަށް ހުކުމް އިއްވި ނަމަވެސް އަދި ޖަލަށް ވަޑައިގަންނަވާކަށް ޖެހިވަޑައި ނުގަންނަވާނެ އެވެ. އޭނާ ވަނީ ކަފާލާތުގެ ދަށުން 30 ދުވަހަށް ދޫކޮށްލާފަ އެވެ. އެހެންކަމުން މަތީ ކޯޓެއްގައި އިސްތިއުނާފުކޮށް މައްސަލައިން ސާފުވެވަޑައިތުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

އަބުރާއި ބެހުން އޮންނަނީ އިންޑިއާގައި ޖިނާއީ ކުށެއްގެ ގޮތުގައެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ދެ އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެނަމަ 2024 ވަނަ އަހަރު އޮންނަ އާންމު އިންތިޚާބުގައި ރާހޫލް ގާނދީއަށް ވާދައެއް ނުކުރެއްވޭނެއެވެ. އެއަށްފަހު އޭނާއަށް ދެން އިންތިޚާބެއްގައި ވާދަ ކުރެވޭނީ ހުކުމް ތަންފީޒު ކުރުމަށްފަހު އޭގެ 6 އަހަރު ފަހުންނެވެ.

އެހެންކަމުން މަތީ ކޯޓު މަރުހަލާތަކުން ރާހުލްއަށް ނާކާމިޔާބު ވެއްޖެނަމަ އާންމު އިންތިޚާބެއްގައި އޭނާއަށް ވާދަ ކުރެއްވޭނީ ޖުމްލަ 8 އަހަރު ފަހުންނެވެ. މި މައްސަލައަކީ ރާހުލްގެ މައްޗަށް އިދިކޮޅު ޕާޓީން ހުށަހަޅާފައިވާ ގިނަ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.

ގިނަބަޔަކު ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ މަގުސަދަކީ އޭނާގެ ވާދަވެރިން އިންތިޚާބުތަކުން އެކަހެރި ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.