ސިފައިންގެ ޤާނޫނުގައި އޮތް އެއްޗެއް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް އެނގިވަޑައިނުގަތުމަކީ އަދި މާލަދުވެތިކަމެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަޙްމަދު އުޝާމް ޑިފެންސް މިނިސްޓަރަށް ފާޑު ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ރައީސް ޞާލިޙުގެ މޮޓޫކޭޑަށް އިދިކޮޅު އެކްޓިވިސްޓުން ހުރަސް އަޅައި މޮޓޯކޭޑް ހުއްޓުވި ޙާދިސާއާ ގުޅިގެން ރައީސްގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނާއި ޑިފެންސް މިނިސްޓަރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރ މާރިޔާ ވަނީ ދިފާޢުވެވަޑައިގެން ޓްވީޓުކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އައިޖީއެމްއެޗުގައި ކުރިއަށްދަ އޮޕަރޭޝަނެއް ގޮސްވެ މައްސަލައެއް ދިމާވުމުން އެއްވެސް މީހަކު ހެލްތު މިނިސްޓަރަށް ފާޑުކިޔައި ނޫޅޭކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ފެންނަ ހިތްހަމަ ނުޖެހޭ ކަންކަމާ ގުޅިގެން ހޯމް މިނިސްޓަރަށް ފާޑުކިޔާތީވެސް ނުފެންނަކަމަށެވެ. އެހެންނަމަވެސް ސިފައިންގެ ފަރާތުން ގޯސްކޮށް ކިޔަ ކަމެއް ފެންނައިރަށް ޑިފެންސް މިނިސްޓަރަށް ފާޑުކިޔަނީ އެކަމަނާ އަންހެން ބޭފުޅަކަށް ވުމުންކަމަށެވެ.
މާރިޔާގެ ޓްވީޓަށް ދައްދުދެއްވައި އުޝާމް ވަނީ ސިފައިންގެ ޤާނޫނުގެ ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަންތައް ކުރަނީ މިނިސްޓަރު ވިދާޅުވާ ގޮތަކަށް ނޫންކަމަށެވެ. އެހެންނަމަވެސް ސިފައިންގެ ޤާނޫނުގައިވާގޮތުން، ސިފައިންގެ އެންމެ އިސްވެރިޔާ އެހެންގޮތަކަށް ކަނޑައަޅައި ޢާންމު ނުކުރާހާ ހިނދަކު ސިފައިންނާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ އެންމެ އިސްވެރިޔަކީ ޑިފެންސް މިނިސްޓަރެވެ.
އެކަން ފާހަގަކޮށް އުޝާމް ވަނީ މިނިސްޓަރ މާރިޔާއަށް ފާޑުވިދާޅުވެފައެވެ.
IGMH ގަ ޑޮކްޓަރުން އޮޕަރޭޝަން ކުރަނީ މިނިސްޓަރު އަންގާ ގޮތަކަށް ނޫން. ސިފައިންގެ ގާނޫނުގަ ޑިފެންސް މިނިސްޓަރުގެ ބާރުތަކާއި ޒިންމާތައް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި އެބައޮތް. މިނިސްޓަރަށް ގާނޫނުގަ އޮތް އެއްޗެއް ނޭންގުމަކީ އަދި މާ ލަދުވެތިކަމެއް. https://t.co/M4jKPhaGRX pic.twitter.com/xqYrl6mdvm
— Ahmed Usham (@a_usham) March 22, 2023
ރައީސްގެ މޮޓޯ ކޭޑު ހުއްޓުވި މައްސަލަ މިހާރު އެމްއެންޑީއެފާއި ފުލުުހުން އަދި ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ބަލަމުންނެވެ. އެޙާދިސާއާ ގުޅިގެން ވަރަށްގިނަބައެއްގެ ފާޑުކިޔުން ސިފައިންނާއި ޑިފެންސް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.