ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތަކަށް ޖޭޕީން ކޮމިޓީއެއް

ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތަކަށް ޖޭޕީން ކޮމިޓީއެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިި ޖުމްހޫރީ ޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަންގައި ޕާޓީތަކާއި މަޝްވަރާ ކުރުމަށް ޚާއްސަ ކޮމެޓީއެއް އުފައްދައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަށް ނިންމައި، އެޕާޓީން އިސްވެއޮވެ ޕާޓީތަކާއި ހަދާ ކޯލިޝަނުން ވެރިކަމަށް އައުމަށް އެޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާއިރު، އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެ ޕާޓީއަށް އޮތީ ދައުވަތު ދީފައެވެ. ޖުމްހޫރީ ޕާޓީން ދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ސިޔާސީ ޕާޓީތަކާއި ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެމްއާރުއެމެ، އަދާލަތު ޕާޓީއާއިވެސް ވަނީ ބައްދަލުކޮށްފައެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޕާޓީތަކާއި އެކިއެކި ސިޔާސީ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ކޮމިޓީއެއް އުފެއްދެވީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކަމަށެވެ. މިއީ ޕާޓީގެ އަސާސީ ގަވައިދުން ލީޑަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ތިން މެމްބަރުންގެ ކޮމިޓީއެކެވެ.

މި ކޮމިޓީގައި ތިއްބަވަނީ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިނާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ކޯލިޝަންގެ ހެދުމުގެ މަޝްވަރާގެ ތެރެއިން މިރޭ އެޕާޓީން ވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެމަނިކުފާނަށް ތާއީދުކުރާ ދިކުރެއްގެ ދިރުމުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅެމަށް ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކަށް ހުޅުވާލާފައެވެ. އެގޮތުން ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށްޓަކައި އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ މެމްބަރުންނަށް މިމަހުގެ 30ގެ ނިޔަލަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *