ސިފައިން ހަދާ ގޯހެއްގެ ޒިންމާ އަޅުގަނޑުގެ ބޮލުގައި އަޅުވަނީ އަންހެނަކަށް ވީތީ: މާރިޔާ

ސިފައިން ހަދާ ގޯހެއްގެ ޒިންމާ އަޅުގަނޑުގެ ބޮލުގައި އަޅުވަނީ އަންހެނަކަށް ވީތީ: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2023 11:09
0

އެމްއެންޑީއެފްގައި ދިމާވާ މައްސަލަތަކުގައި މިނިސްޓަރު ކުށްވެރިކުރަނީ އަންހެނަކަށް ވުމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް ނުވަތަ ޓެކްޓިކަލް ކަމެއް މެދުވާއިރަށް ވަޒީރުގެ ބޮލަށް އެކަމުގެ ޒިންމާ ޖަހަނީ ޑިފެންސް މިނިސްޓަރަކީ އަންހެނެއް ވީމާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގައި ކުރާ އޮޕަރޭޝަނެއް ގޯސްކޮށް ގޮސްފިނަމަ އެއްވެސް މީހަކު ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކުށްވެރި ނުކުރާ ކަމަށެވެ. އަދި ފުލުހުންގެ އެއްވެސް އިހުމާލަކަށް ހޯމް މިނިސްޓަރު އިމްރާންވެސް އެއްވެސް މީހަކު ކުށްވެރި ނުކުރާ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފްގެ އޮޕަރޭޝަނެއްގައި ގޯހެއް ހިނގައިފި ނަމަ ޑިފެންސް މިނިސްޓަރު ކުށްވެރި ކުރާ ކަމަށާއި މިނިސްޓަރު ކުށްވެރި ކުރަނީ އަންހެނަކަށް ވުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގައި ކަމެއް ގޯސްކޮށްދިޔައިމަ ހެލްތު މިނިސްޓަރު ބޮލަކަށް ނުޖަހާ، ފުލުހުން ގޯސްކޮށް ކަމެއް ކުރީމާ ހޯމް މިނިސްޓަރު ބޮލަކަށް ނުޖަހާ.

– މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވިއިރު ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު، ރައީސް މާލެ ވަޑައިގެން، މުލިއާގެއަށް ވަޑައިގަތުމަށް ބޮޑުތަކުރުފާނު މަގުން ހުޅަނގުން ދަތުރުކޮށް ރައީސް ޔާމީންގެ ގެކޮޅާއި ހަމައަށް ދިޔަ ތަނުން ޕީޕީއެމް ސަޕޯޓަރުން ވަނީ މޮޓޯކޭޑަށް ހުރަސް އަޅާފައެވެ. އެމައްސަލައިގައި އެމްއެންޑީއެފް އާއި މާރިޔާ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސްގެ ސެކިއުރިޓީންނާއި މަދު އަދަދެއްގެ ފުލުހުންނަށް ޕީޕީއެމްގެ ސަޕޯޓަރުން ދުރު ނުކުރެވުމުން މޮޓޯކޭޑް ޖެހުނީ އަނބުރާލާފައި ދާށެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި އަބުރާލާފައި ދާން ޖެހުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ ފުލުހުންގެ އިދާރާގެ އިސް ބޭފުޅުންގެ ބޮޑު ފެއިލް ވުމެއް ކަމަށް ބުނެ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް އެމައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި އަމަލުތަކުގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް 241 ކޮމެޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.

ރައީސްގެ ކާރުކޮޅު ޕީޕީއެމްގެ މުޒާހަރާގެ މެދުގައި ތާށިވެ ރޭ 11:00 ހާއިރެވެ. އެއްވެސް ކޮޅަކަށް ކާރު ނުދުއްވައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު، ޕީޕީއެމް އޮފީސް ކުރިމަތީ މަޑުކޮށްގެން އޮތް ކަމަށްވެ އެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ބުނެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.