ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ނިންމާ ނިންމުމަކުން، ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ ނިންމުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ހަމަޖެއްސި ނަމަވެސް އެކަން ގަބޫލުނުކުރައްވައި، ހަނަފީ އެ ޕާޓީން ވަކިވުމާއި ގުޅިގެން ދެކެވޭ ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ހަނަފީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސަމީރުވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފައެވެ.
މިބޭފުޅުންގެ ނިންމުންތަކާއި ގުޅިގެން އަދިވެސް ބައެއް މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުންގެ ނިންމުންތައް އައިސްދާނެ ގޮތަކާއި ގުޅޭގޮތުން އަމީން ވިދާޅުވީ އެބޭފުޅުންނަށް ކުރިމަތިވާ އެކި ޕްރެޝަރާއި ހެދި ނިންމާ ނިންމުމަކީ އެއްވެސް ހާލެއްގައި ހައިރާންވާ ނިންމުންތަކެއް ނޫންކަމަށެވެ.
މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިންމަވާ ނިންމެވުމަކުން ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ނިންމުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އަމީން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ ސްލޮޓްތަކުގައި ތިބި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނިންމުވުންތައް އެކި ޕްރެޝަރާއި ގުޅިގެން މި މޫސުމުގައި ތަންކޮޅެއް ތަފާތު ގޮތް ގޮތަށް އެބުރޭތަން ފެނުމަކީ އާކަމެއްނޫން. އެއީ ޖަހާފައި އޮތް ހިސާބެއް. އެއިން ޖޭޕީގެ ނިންމުމަކަށް އަސަރެއް ނުކުރާނެ. ޖުމްހޫރީ ޕާޓީ ދާނީ ކުރިއަށް.
– އަމީން އިބްރާހިމް ވިދާޅުވިއެވެ.
ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ބޭފުޅުން ތިއްބެވިޔަސް ހަނަފީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ފިޔަވައި އެހެން ބޭފުޅަކު އަދި ވަކި ގޮތެއް ނުނިންމަވައެވެ. ގާސިމްއާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސަމީރު ވެސް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކޮންގްރެސް އިން ނިންމާފައި ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނުވަތަ ޖޭޕީ އިސްވެ އުފައްދާ ކޯލިޝަނަކާއެކު އިންތިހާބުގައި ވާދަކުރުމަށެވެ. އެ މަގަށް އެކަން ގެންދިއުމަށްޓަކައި ގާސިމް މިހާރު ވަނީ އެކި ސިޔާސީ ޕާޓީތަކާއި އެހެން ބައެއް މީހުންނާއެކު މަޝްވަރާ ވެސް ފަށައިފައެވެ. ޖޭޕީން އިސްވެ ކޯލިޝަން ހަދާ ނަމަ ބޭނުން ބަޔަކާ މަޝްވަރާ ކުރުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ވަނީ ގާސިމަށް ދީފައެވެ. ޖޭޕީގެ ރިޔާސީ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށް ވާތީ އެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.