ފޭސް 2ގެ މިސްކިތުގެ ޖާގަ އިތުރުކޮށް ހުޅުމާލެ ސާފުކުރުމުގެ ހަރަކާތްތަކެއް އެޗްޑީސީއިން ފަށައިފި

ފޭސް 2ގެ މިސްކިތުގެ ޖާގަ އިތުރުކޮށް ހުޅުމާލެ ސާފުކުރުމުގެ ހަރަކާތްތަކެއް އެޗްޑީސީއިން ފަށައިފި

Author
އަޒްފާ ރަޝީދު
20 މާރޗް 2023 05:32
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކޮށް މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތްތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަށައިފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ރޯދަމަހަށް ދީނީ ގޮތުންނާއި އިޖުތިމާއީ އެކި ކަންކަމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކޮށް، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެކަމުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ކަމަށާއި ރޯދަމަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ، ފޭސް-2ގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުގައި އެސްޓީއޯގެ ފިހާރައެއް ހުޅުވާފައިވާ އިރު، ހަމަ އެ ސަރަހައްދަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި މުޅި ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ ރޯދަމަސް ތެރޭގައިވެސް ދީނީ އަދި އެކި ކުޅިވަރު ހަރަކާތްތައްވެސް ހިންގަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.