ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހު އަދުހަމް، ގާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މި މައްސަލާގައި ދައުވާ ލިބޭ ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު ވަނީ ކުށަށް ޢިއުތިރާފުވުމަށްފަހު ފަހުން ބޭއްވި ޝަރީއަތްތަކުގައި ޤާސިމަށް ހަމަލާދިނީ މަސްތުގެ ހަލާތުގައިހުރި ގަސްތުގައި ނޫންކަމަށް ބުނެފައެވެ.
މިމައްސަލާގައި ހުކުމް އިއްވަމުން ޤާސީ ނަދީމް ވިދާޅުވީ ޤާސިމް ޙަސަން މަރާލި ސަރަހައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމައިމެދު އެއްވެސް ޝައްކެތް ނެތްމިންވަރަށް ޔަގީން ވެފައިކަމަށެވެ. އަދި ވަޅީގެ މައްސަލާގައި އަދުހަމް އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް، ވަޅި ހެރިކަމަށް އޭނާ އެއްބަސްވެފައިވާކަމަށެވެ.
ޤާސިމް މަރާލުމުގައި އަދުހަމް ޤާސިމްގެ ކަރަށް ވަޅި ހަރާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫންކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށްފަހު ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުންވެސް މިއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށެވެ. އޭނާހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ އެވަގުތު ހުރީ ޢޭނާ ކުރި އަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށްވެސް އަދުހަމަށް ހުކުމް އިއްވަމުން ޤާޒީ ވިދާޅުވިއެވެ.
އަދި ހަމަ މިއާއިއެކު ޤާސިމްގެ މަރާއި ގުޅިގެން ހެދި މެޑިކަލް ރޮޕޯޓާއި، އަދި ލީގަލް ރިޕޯޓާއިމެދުވެސް އަދުހަމް ސުވާލު އުފައްދާފައިނުވާކަން ގާޒީ ފާހަގަކުރެއްވިއެވެ. ކޮންމެ މީހަކީވެސް ދިރިހުރުމުގެ ހައްގު ލިބިގެންވާ މީހަކަށްވާއިރު އެއްވެސް މީހެއްގެ ލޭހުއްދަކޮށް މަރާލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށްވެސް ޤާޒީ ވިދާޅުވިއެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިޔަސް، އޭނާގެ އަބަދު ކަނޑައަޅާނީ ޤާސިމްގެ ވާރިސުންގެ ބަހެއް ހޯދުމަށްފަހުއެވެ. ޝަރީއަތުގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. ޤާސިމްގެ ވާރިސުންގެ ގޮތުގައި ފަސް މީހަކު އެބަތިއްބެވެ.
ހުކުމް އިއްވަމުން ދިޔައިރު، ކަރެކްޝަންސްގެ ޖަލު ހެދުމުގައި ކޯޓަށް ހާޒިރުކޮށްފައި އިން އަދުހަމްގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ.