އާޒިމް؛ މަހުލޫފަށް: އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް، ނުދަތުން

އާޒިމް؛ މަހުލޫފަށް: އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް، ނުދަތުން

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2023 11:32
0

އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް، ނުދަތުން ކަމަށް ވިދާޅުވެ، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމްގެ ފާޑުކިޔުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް އަމާޒުކޮށްފިއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް، ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވާހަކައާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ތަރުހީބުދީ ކުޅެ އުޅޭ ކުޅިވަރުތަކަށް އިސްކަން ނުދީ، ހުރިހާ ކުޅިވަރެއް އެއްހަމަކޮށްގެން ކަންކަން ކުރުމަކީ ވަޒީރަކަށް ހުންނެވި ބޭފުޅާއަށް ތަނެއް ދޮރެއް ނޭގުންކަމަށެވެ. އަދި މިކަމުން މިނިސްޓަރ މަހުލޫފްގެ އެއްވެސް ޕްލޭނެއް ވިސްނުމެއް ސިޔާތެއް ތަސައްވަރެއް ނެތްކަން ހާމަވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް، ނުދަތުން. ޕްލޭނެއްނެތުން. ވިސްނުމެއްނެތުން. ސިޔާސަތެއް ނެތުން. ކަންކަންކުރަން ނޭގުން. އެންމެ ގިނަމީހުން ކުޅޭ، އެންމެގިނަ ބަޔަކު ތަރުހީބުދޭ، ރާއްޖޭގައި ކުރިއަށްދެވިދާނޭ ކުޅިވަރުތައް ދެނެގަނެ އެމަގުން ކުރިއަށް ދާންއެގެންވާނެ.

– އާޒިމް ވިދާޅުވިއެވެ.

ކުޅިވަރު އެވޯޑު ހަފްލާގައި މަހުލޫފް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ނުވަ މުބާރާތް ބާއްވާފައި ވާނެ ކަމަށާއި، މި އަހަރު ވެސް ކުޅިވަރުތައް ބާކީ ނުކޮށް ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އޭޝިއާގެ ސާފިން އެސޯސިއޭޝަނާ ވާހަކަ ދެކެވި، މި އަހަރުގެ ޖުލައި މަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައި ވާކަން މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފައެވެ.

މީގެ އިތުރުން އެވޯޑްސް އާ ގުޅިގެން ކުޅިވަރު ކުޅުންތެރިންގެ އުންމީދު ބޮޑު ވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ބައެއް ކުޅިވަރުތައް ނުހިމެނޭތީ އެކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ ބައެއް ކުޅިވަރުތައް މި އެވޯޑްގައި ހިމެނިފައި ނެތީ އެއީ ގައުމީ ޓީމެއް އޮތް ނަމަވެސް ގައުމީ މުބާރާތްތައް ބާއްވާފައި ނުވާތީ ކަމަށެވެ. އަދި އެ ކުޅިވަރުތަކުގެ ގައުމީ މުބާރާތްތަކެއް ބާއްވައި، މި އެވޯޑުން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން މަހްލޫފް ވަނީ އެސޯސިއޭޝަންތަކަށް ހިތްވަރު ދެއްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ބެލިއަސް މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށެވެ. އަދި މަޝްރޫއުތައް ގިނަކަމުން ބޭނުންވާ އެންމެ ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ދަތިތައް ކުރިމަތިވާކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.