ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރިސޯޓުތަކުގެ އެންމެ އިސް މަޤާމުތައް ދިވެހިންނަށް ހާއްސަ ކުރުމަށް ކަނޑައަޅައިދިނުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ޖާބިރު ހުށަހެޅި ގަރާރަކީ ރިސޯޓް މެނޭޖަރުކަމާއި، އެޗްއާރު މެނޭޖަރުކަމާއި، އަދި އެކައުންޓް މެނޭޖަރު ފަދަ އެންމެ ސީނިއާ މަޤާމުތަކުގައި ގިނަ އަދަދަކަށް ބިދޭސީން ފުރަމުންދާތީވެ، އެކަން ހައްލުކުރުމަށް ހުށަހެޅި ގަރާރެކެވެ. މި ގަރާރާ ބެހޭގޮތުން ކާށީދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިފައިވާއިރު، ރާއްޖޭގެ ރިސޯޓްތައް ހިންގުމުގެ އެންމެ މަތީ ފަންތީގައި ދިވެހިން ތިބުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި، އެކަން ބަދަލުކުރަން ޖެހިފައިވާކަމަށެވެ.
ރިސޯޓްތަކުގެ މަތީ ފަންތީގެ ވަޒީފާތަކަށް ބޭނުންވާނެ ދިވެހީންނަށް ތަޢުލީމާއި ތަމްރީނު ދެވޭނޭ ފުރިހަމަ ނިޒާމެއް ޤާއިމްކުރަންޖެހޭ ކަމަށާއި، އެ ވަޒީފާތަކަކީ ސީދާ ދިވެހިން ތިބެންޖެހޭނޭ ވަޒީފާތަކަކަށް ވާތީވެ، ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނުވެގެން ދިޔައިރު ވެސް މިކަމަށް ހައްލެއް އައިސްފަނުވާކަމަށެވެ.
އެގޮތުން މި މައްސަލައިގައި ބަހުސްކޮށް މެމްބަރުން މިކަމާމެދު ދެކޭގޮތް ހާމަކުރުމަށްޓަކައި މަޖިލީހުގެ ޤަވާއިދު ތަންދޭ އެންމެ ފުޅާ މިންވަރެއްގައި މި ޤަރާރަށް ބަހުސްކޮށް މެމްބަރުން ހުށަހަޅާ ޚިޔާލާއި ދެއްވާ ރަޢުޔުތަކާއި ދެކެވަޑައިގަންނަވާ ގޮތްތަކެއް ހާމަވެގެން ދިއުމަކީ ވެސް މުހިއްމު ކަމަކަށް ވާތީވެ، މަޖިލީހަށް މިފަދަ ޤަރާރެއް ހުށަހެޅުމަށް ނިންމީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޤުދުރަތީ ގޮތުން އުފެދިފައި ހުރި ރަށްތަކުގައި ދުނިޔޭގެ ނިސްބަތުން ފަތުރުވެރިކަމުގެ މަތީފެންވަރުގެ 200 އެއްހާ ރިސޯޓް ތަރައްޤީކޮށް ތިލަފަޅުތައްވެސް ހިއްކައިގެން ދިވެހިން ރިސޯޓްތައް ތަރައްޤީކޮށް ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ދިވެހިންގެ ކުޅަދާކަން ވަނީ ދައްކާފައެވެ. ޖާބިރު ވިދާޅުވީ ކަން އެހެން އޮތްނަމަވެސް ރިސޯޓްތަކުގެ %80 ރަށްތަކުގައި ރިސޯޓް މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި، %95 ރަށްތަކުގައި އެކައުންޓް މެނޭޖަރުންނަށް ވާއިރު، %70 ރިސޯޓްތަކުގެ އެޗްއާރު މެނޭޖަރުންނަކީވެސް ބިދޭސީން ކަމަށެވެ.
ދުނިޔޭގެ ނިސްބަތުންގެ އެންމެ ވިސްނުން ތޫނުބަޔަކީ ދިވެހިން ކަމަށްވާއިރު، ދިވެހިން އެފަދަ މަޤާމުތަކަށް ކުފޫ ހަމަނުވާކަމަށް ބަޔަކު ދެކޭނަމަ މިއަށްވުރެ ވަކިން ބޮޑު ޤައުމީ މައްސަލައެއް ނެތްކަމަށާއި، މި މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ފަށަންޖެހޭ އެންމެ މުހިއްމު ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށްވެސް މި ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ މީގެ ކުރިންވެސް ފަތުރުވެރިކަމާއި ގުޅުންހުރި ބައެއް ޤަރާރުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ގަރާރަކީ ރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާކުރުމަށް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރެވެ. ނަމަވެސް މަޖިލީހުގެ ތަޅުމަށް އެ ޤަރާރު ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.