2008 ވަނަ އަހަރު ދިވެހިން ބަލައިގަތް އާ ގާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދިން ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މުހިންމު އެއް ބަހާއަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އުފައްދާފައިވާ ސިޔާސީ ޕާޓީތަކެވެ. އެއީ ނަގަހައްޓާ، ދިރުވާ ދެމެހެއްޓުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކުރަމުންދާ މުވައްސަސާތަކެއްވެސް މެއެވެ. އަދި އެއީ އާ ގާނޫނު އަސާސީން ފޯރުކޮށްދިން މަލްޓި ޕާޓީ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުވެސް މެއެވެ.
މިގޮތުން، އާ ގާނޫނު އަސާސީން ގެނެސްދިން ވެރިކަމުގެ ނިޒާމުގެ ތެރޭގައި މިހާތަނަށް ގިނަ ސިޔާސީ ޕާޓީތަކެއް ވުޖޫދުވެ އަދި ބައެއް ސިޔާސީ ޕާޓީތައް ވުޖޫދުން ފޮހެވިގެން ގޮސްފައިވި ނަމަވެސް، މިއަދާ ހަމައަަށް އައިއިރު ޔަގީވާން އޮތް އެއްކަމަކީ، ގާނޫނު އަސާސީން ބާރު ލިބިދީގެން އުފައްދާފައިވާ ސިޔާސީ ޕާޓީތަކަކީ ގައުމަށް ޚިދުމަތް ކުރުމަށް އޮތް އެންމެ ވަރުގަދަ ޕްލެޓްފޯމު ކަމުގައި މިއަދު ވެގެން ގޮސްފައި އޮތްކަންވެސްމެއެވެ.
ހަމައެފަދަދައިން، ވެރިކަމުގެ ހުވަފެންތައް ދެކެމުންދާ ސިޔާސީ ލީޑަރުންނަށް ވެރިކަމަށް އާދެވެން އޮތް ހަމައެކަނި މަގަކީވެސް އެއީކަމުގައި، ފާއިތުވެދިޔަ ކުރު މާޒީގެ ތަޖުރިބާތަކުން މިއަދު ފެންނާން އޮތް އޮތްކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އޭގެ އެންމެ އަލިގަދަ ހެއްކެއް ފެންނާން އޮތްތީ ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުތަކުންނެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ވެރިކަމަށް އައި ހުރިހާ ވެރިންވެސް ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ޕްލެޓް ފޯމުންނެވެ. އެ ޕްލެޓްފޯމު ނެތި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އޭގެ ކުރިން ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން ވާދަކުރައްވާ، ލިބިވަޑައިގެންފައިވަނީ އެންމެ %5 ވޯޓެވެ.

އެހެންކަމުން، ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ކޮންމެވެރިއަކަށް، ވެރިކަމަށް ވަޑައިގެންނެވުމުގައިވެސް، އަދި ވެރިކަމުން ދުރަށް ވަޑައިގެންނެވުމުނަށްފަހުވެސް، އެބޭފުޅަކަށް ފެންނާން އޮންނަ އެންމެ ބޮޑު "އެސެޓަކަށް" ވެގެން ގޮސްފައި އޮންނަނީ، އެތައް ބައެއްގެ އެހީތެރިކަމާއެކު، އެތައް ޚަރަދެއްކޮށް، ވަރުގަދަ ކޮށްފައި އޮންނަ، އަމިއްލަފުޅު ޕާޓީއެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ، ހެދުނު އެއްޗެއް ހަދައިގެންވެސް ޕާޓީ މުށުތެރެއަށް ލުމުގެ ވިސްނުމާއި ފިކުރު، ގައުމީ މަސްލަހަތާއި އަމިއްލަފުޅު ދިރިއުޅުމަށްވުރެވެސް ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް މުހިންމުވެފައި އޮންނަތަން އިއްޔެވެސް މިއަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިދަނީ ތަމްސީލު ވަމުންނެވެ.
ފާއިތުވި ދިގު މުއްދަތުގައި އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވަމުން ގެންދަވާ މުހައްމަދު ނަޝީދު، ޕާޓީގެ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީއާއެކުވެސް، އާ ނަމެއްގައި، ޕާޓީގެ އެތެރޭގައި އާ ސިޔާސީ ހަރަކާތެއް ހިންގަވައިގެންވެސް އަމިއްލަފުޅު ޕާޓީ އަދިވެސް މުށުތެރޭގައި ބޭއްވޭތޯ މަރުފަލި ޖައްސަވަނީ މިސަބަބާއި ހެދިއެވެ. ކުރީގެ ރައީސް ޔާމިން ޖަލުގައި ހުންނަވައިގެން "ނޯޓު ފޮނުއްވައިގެން"ވެސް ޕާޓީ ހިންގަވަން މަސައްކަތް ކުރައްވާ ހަމައެކަނި ސަބަބަކީ މިއީއެވެ.
ޔާމިނަށް އުދަގޫ ޗޮއިސްއެއް؟
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް ކުރީގެ ރައީސް، އަދި އިދިކޮޅު ޕީޕިއެމްގެވެސް ރައީސް، ޔާމިނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާށެވެ. އެއީ ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރެއްވުމުގެ އިތުރުން، އެމަގުން ލިބިލެއްވި ފައިސާ ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތުގައެވެ.
މި ހުކުމާއެކު ދިގު މުއްދަތަކަށް ޖަލަށް ވަޑައިގަންނަވަންޖެހުމުން، މިހާރު ކަށަވަރުވެ ޔަގީންވާން އޮތް ކަމަކީ، ޝަރުއީ މަރުހަލާގެ ތެރެއިން މިނިވަންވެ، މިނިވަނެއްގެ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް އިންތިހާއަށް ހަނިވެގެން ގޮސްފައިވާކަމެވެ.
ނަތީޖާއެއްގެ ގޮތުން، ގިނަ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓުން ނެރެ، އަދި ކެމްޕޭންވެސް ފަށާފައިވާއިރު، ގިނަބައެއްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކަށް މިހާރު ވެގެން ގޮސްފައިވަނީ އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުނިކުންނެވިޖެނަމަ ދެން އެޕާޓީގެ ޓިކެޓް ލިބިގެންދާނީ ކޮންބޭފުޅަކަށް ތޯއެވެ؟ އެޕާޓީން އިންތިޚާބަށް ކެނޑިޑޭޓަކުން ނިކުންނަވާނޭ ތޯއެވެ؟ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން ޖަލުގައި ހުންނެވި އެޕާޓީގެ ރައީސްގެ ވިސްނުންފުޅު ހުރީ ކޮން ގޮތަކަށްތޯއެވެ؟

މިހުރިހާ ސުވާލުތަކާއެކުވެސް ގިނަބަޔަކު ގަބޫލުކުރާ އެއް ހަގީގަތެއް އެބަ އޮތްކަމުގައި ދަންނަވާން ޖެހެއެވެ. އެއީ އިދިކޮޅު ޕީޕީއެމްއިން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނިކުތުމުގައި، ޖަލުގައި ހުންނެވި ޕާޓީގެ ރައީސްގެ ވިސްނުންފުޅު މުހިންމު ދައުރެއް އަދާ ކުރާނޭ ކަމެވެ. އަދި ޔާމިންގެ އެނިންމެވުން އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލާއި ގުޅިލާ މެހިގެންދާނޭކަމުގައިވެސް މިއަދު ގަބޫލުކުރާން މަޖުބޫރުވަނީ، ޖަލުން މިނިވަންވެ ވަޑައިގަތުމަށްވެސް، އަދި އޭގެފަހުން ސިޔާސީ މަސްރަހުގައ ދެމިހުންނެވުމަށް، މިހާރު މުށުތެރޭގައި އޮތް ޕާޓީ އެގޮތުގައި ކުރިޔަށް އޮތް ތަނުގައިވެސް ދެމިއޮތުން ޔާމިނަށް ވަރަށްވެސް މުހިންމުވެގެން ދާނެތީއެވެ.
އެހެންކަމުން، ގަބޫލުކުރާން ޖެހިފައިވާ އެއްހަގީގަތަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ހުވަފެންފުޅުން އެންމެ ފަހުވަގުތާއި ހަމައަށްވެސް ގެންގުޅުއްވަން، ޖަލުގައި އިންނަަވައިގެންވެސް ޔާމީނަށް މަޖުބޫރުވެގެން ދާނޭކަމެވެ.
އެހެން ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕްލެޓްފޯމުގައި ނިކުންނަވާ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ހާލަތެއްގައި، މިއަދު މުށުތެރޭގައި އޮތް އަމިއްލަފުޕާޓީ މާދަމާ ގެއްލިގެންދާނޭކަމީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މާޒިވަމުންދާ ތަޖުރިބާތަކުން ކަށަވަރުވެ ޔަގީންވާން އޮތް ކަމަކަށް ވާތީއެވެ.
އެންމެ ގާތް ގޮތަކީ ކޮބާ؟
ދިވެހިރާއްޖޭގެ މާޒިވެދިޔަ ތަނުން ފެންނާން އޮތް މަންޒަރަކީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު އަބަދުވެސް އެބޭފުޅަކު ނިސްބަތްވާ ޕާޓީގެ ކޮންޓްރޯލް ނެންގެވުމެވެ.
ރައީސް މައުމޫންގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޔާމިން ހެއްދެވި ގޮތަކީ، ރައީސް މައުމޫންގެ ލެގަސީއެއްގެ ގޮތުގައި އޮތް ޕީޕީއެންމެއިން ރައީސް މައުމޫން ބޭރުކޮށްލެއްވީއެވެ. ޕާޓީ އަމިއްލަފުޅު ކުރެއްވީއެވެ. ކޮންޓްރޯލް ނެންގެވީއެވެ. އެއާއެކު އިދިކޮޅު ޕީޕީއެމް މިއަދު އޮތީ ޔާމިންގެ އަމިއްލަފުޅު ސިޔާސީ އެސެޓެއްގެ ގޮތުގައެވެ.
އަދި އެއަށްފަހު ރައީސް މައުމޫނު ސިޔާސީ ސައިޒަށް "އަނަރޫފަކަން" އައިސް، މިއަދު ހިންގަވަމުން ގެންދަވާ ޕާޓީއަކީ އެއްދުވަހު 3،000 މެމްބަރުން ހަމަވި ނަމަ، އަނެއްދުވަހު އެއަދަދަށް މެމްބަރުން ހަމަނުވާ ޕާޓީއެއްގެ ގޮތުގައި އޮތް ޕާޓީއެކެވެ.
ހަމަ އެބީދައިން، މިއަދު ފެންނަމުން މިދަނީ ވެރިކަންކުރާ އެމްޑީޕީއަށް ވަމުންދާ ގޮތެވެ. ނަޝީދުގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނަޝީދުގެ އަމިއްލަފުޅު ތަރިކައެއްގެ ގޮތުގައި ދެކެމުންއައި އެމްޑީޕީގެ "ކޮންޓްރޯލް" ރައީސް ސާލިހު ނެންގެވީއެވެ. އެންމެފަހުން އެތައް ބަޔަކަށް ކުރިން ހީކުރެެވިފައިވާ ހީކުރުންތަކާއި ޚިލާފަށް، އެމްޑީޕީގެ އެތެރޭގެ ވޯޓަކުން ނަޝީދު ބޮޑު ބައްޔަކުން ބަލިވެ، މިއަދު ނަޝީދުގެ ސިޔާސީ ސައިޒަކީ އެންމެ 15،000 ވޯޓުގެ ގޮތުގައި ސިފަވެގެންވެސް ހިގައްޖެއެވެ.
އެހެންކަމުން، އިދިކޮޅު ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައިި، ރައްޔިތުންގެ ތާއީދުއޮތް ބޭފުޅަކު ވާދަކޮށް، އެބޭފުޅަކަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ވެރިކަމަށް ވަޑައިގެން، "ފެނަށް ދިރުމުން" ރައީސް ޔާމިންގެ އަތްޕުޅުން ޕާޓީ "ޖަހައި ނުގަންނާނޭ" ކަމަށް ރައީސް ޔާމިން މިއަދު ހިސާބު ނުޖައްސަވާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އެއީ ކިތަންމެ ބޮޑެތި ވައުދުތަކާއި، ފޮނި ހުވަފެންތަކާއި، އަތުން ލިޔެ ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް އޮތްނަމަވެސް، ކަން ވެގެންދާނޭ ގޮތްކަމީ ސާފުކޮށް ފެންނާން ހުރި ހަގީގަތްތަކެވެ.
ރައީސް ޔާމިން ޖަލަށް ވަޑައިގެންނެވި އިރު، އިދިކޮޅު ޕީޕީއެމްގެ ހުރިހާ "ތަޅުދަނޑިއެއް" ހިތްޕަވައިގެން ޖަލަށް ވަޑައިގެންނެވި ހަގީގީ ސަބަބަކީ މިއީއެވެ. އެމަނިކާފާނުގެ ނޯޓަކުން މެނުވީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލުންވެސް މިއަދު ނިންމުމެއް ނިންމޭނެ ހާލަތެއް ނެތެވެ. ސަރުކާރާ ޚިޔާލުތަފާތުކޮށް ތިއްބެވި ސިޔާސީ ލީޑަރުންނާ އިދިކޮޅު ޕީޕިއެމްއަށް އުފެއްދުންތެރި މަޝްވަރާއެއްވެސް ކުރެވެން އޮތީ ޖަލުން އަންނަ ނޯޓަކުން ހުއްދަ ލިބިގެންނެވެ.
ހަގީގަތުގައިވެސް އިދިކޮޅު ޕީޕީއެމްގެ ކޮންޓްރޯލް ގެއްލިގެންދާނޭވަރުގެ ކުޑަ ދުލެއްވެސް، ޖަލުގައި އޮންނަވައިގެންވެސް ރައީސް ޔާމިން ދެއްވާނޭކަމަކަށް ނުބެލެވެއެވެ. އޭގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ އިދިކޮޅު ޕީޕީއެމްއިން ކެނޑިޑޭޓަކު ނުނެރުން، ނުވަތަ "ވިނިން ކެނޑިޑޭޓް"އަކަށް ޓިކެޓް ދުނިދުން ކަމުގައި މިއަދު މިވަނީ ގަބޫލުކުރާން ޖެހިފައެވެ.
ކޮމެންޓު ފޮނުވާ