މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދަން ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނީ، ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން ހުށައަޅާ ފަރާތަކީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވާންޖެހޭނެކަމަށެވެ. މި މަގާމަކީ ހަމައެކަނި ފިރިހެނުންނަށް ކުރިމަތިލެވޭ މަގާމެކެވެ.
މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޙައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މަޢުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުމާއި، ދަތުރުގައި ޙައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ޙައްޖު ކޯޕަރޭޝަންގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން ހިމެނެއެވެ. އަދި ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި، ބާޒާރުކުރުމާ، ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުމާ ގުދަންކުރުމުގެ އިތުރުން ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން އަދި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ހައްޖު ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުންމަކީވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މި މަގާމަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދޭނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، މީގެކުރިން މި މަގާމަށް މީހުން ހޯދުމަށް ކުރި އިޢުލާނަށް އިޖާބަދީ ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެކަމަށެވެ. އެހީތެރިންގެ އަދަދު ކަނޑައަޅާނީ އެކުންފުންޏަށް މިއަހަރު ލިބޭ ޙައްޖު ކޯޓާގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގައިކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެހެންކަމުން މިގާމަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 22 ވަނަ ދުވަހުގެ 15:00ގެ ކުރިން ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހުށައެޅުމަށް އެކޯޕަރޭޝަނުން ވަނީ އެދިފައެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅަން ބޭނުންވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް އެކޯޕަރޭޝަންގެ އީމެއިލް admin@mhcl.mv އަށް ހުށައެޅޭނެއެެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް މިހާތަނަށް ލިބިފައި ވަނީ 1000 ކޯޓާ އެވެ. އެކަމަކު އެ އަދަދު 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ވަނީ ސައުދީ ސަރުކާރުގައި އެދިފައެވެ.