ބެޓިސް ބަލިކޮށް ޔުނައިޓެޑް ކުއާޓާ އަށް

ބެޓިސް ބަލިކޮށް ޔުނައިޓެޑް ކުއާޓާ އަށް

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޔުނައިޓެޑް ޖާގަހޯދީ ގަދަ 16 ބުރުގައި ރެއާލް ބެޓިސް އާއި ބައްދަލުކޮށް ފަސް ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޔުނައިޓެޑްގެ ދަނޑުގައި ކުޅެ އެޓީމް ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ. އަދި ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް އެއްލަނޑު ސުންލަނޑުން ކާމިޔާބު ކުރީވެސް ޔުނައިޓެޑްއެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ މާކަސް ރަޝްފަޑްއެވެ.

މިއީ ވާރލްޑް ކަޕަށްފަހު އޭނާ މިހާތަނަށް ކުޅުނު 24 މެޗްގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. އަދި މިފަހަރުގެ ޔޫރޮޕާ ލީގުގައި މިހާތަނަށް ޖަހާފައިވާ ހަ ލަނޑާއެކު އޭނާ ވެފައިވަނީ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއަށެވެ. މިލަނޑުގެ ކުރިން ބެޓިސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މިލަނޑައެކު ޔުނައިޓެޑުން ދެވަނަ ލަނޑެއް ޖަހާފާނެކަމަށް ހިވެގެންދިޔަ ދެތިން ހަމަލާއެއް ފެނިގެންދިޔައެވެ. ނަމަވެސް އެއިސް އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށްވެސް ހިފޭގޮތެއްނުވިއެވެ.

ކްއާޓަރ ފައިނަލްގައި ޔުނައިޓެޑް ވާދަކުރާނެ ޓީމެއް އެނގިގެންދާނީ މިއަދު ސްވިޓްޒަލަންޑްގައި ބާއްވާ ގުރުއަތުލުމަށްފަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *