ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެން ނިންމުމާއެކު، ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި އެޕާޓީގެ މެމްބަރުން ކަންބަޅިތަކެއްހެން ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ގޮވާލެއްވުމާއި ގުޅިގެން، ޖުމުހޫރީ ޕާޓީގެ ދިފާއުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފިއެވެ.
ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތު ގަބޫލު ނުކުރައްވާ، ޖުމުހޫރީ ޕާޓީން މިހާރުވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަށް އެޕާޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައެވެ.
މިގޮތުން ޖޭޕީގެ ނިންމުމާމެދު ހިންހަމަޖެހިވަޑައި ނުގެން، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ރާއީ ވަނީ މަޖިލީހަށް ގެނެސް ކަންބަޅިތަކެއްހެން ވަކި ނުކުރަނީ މަޤާމުން އިސްތިއުފާ ދޭން ޖޭޕީގެ ވަޒީރުންނަށް އިންޒާރު ދެއްވާފައެވެ.
ރާއީގެ މި އިންޒާރާއި ގުޅިގެން މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ ކަންބަޅިތަކެއް ކަތިލާ އުސޫލުން ޖޭޕީގެ މެމްބަރުން ކަތިލާތަން ބަލަން ނިކަމެތި ކަމާއެކީ ތިބޭނެ ކަމަށެވެ.
އެހެންނަމަވެސް ގާސިމްގެ މި މެސެޖަށް ނިސްބަތްކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކި ވަކި ނުކުރެވޭނެ ކަމަށެވެ. އަދި ޖޭޕީގެ މެމްބަރުން ވަކި ކުރެވޭނީ "އަޅުގަނޑުމެން ފަހަނަ އަޅާ ގޮސްގެން" ކަމަށްވެސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން އުޅެނީތޯ؟ ޓިއާ ގޭސް އާ ކުޑަގޮޅި އާ އަނދަގޮނޑިވެސް ވަރަށް ރަނގަޅަށް ދަންނަން، އަދިވެސް އޮވެވިދާނެ.
ގާސިމްގެ މެސަށް ޖިސްބަތްކޮށް، ސަރުކާރަށް އިންޒާރު ދެމުން ނަޝީދު ވިދާޅުވެފައި ވެއެވެ.
ރައީސް ސާލިހުގެ ސަރުކާރުގައި، ޖޭޕީގެ ސްލޮޓުތަކުގައި ވަޒީރުކަމުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ، ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ގާސިމްގެ އަނބިކަނބަލުން، އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރުކަމުގައި ޑރ. ހުސެއިން ރަޝީދު ހަސަނާއި އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެން، އެޕާޓީގެ ސްލޮޓުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ސަމީރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.
ރައީސް ސާލިހުގެ ސަރުކާރުގެ ވަޒީރުންގެ އިތުރުން ސްޓޭޓް މިނިސްޓަރުން ފެންވަރުން ފެށިގެން، އެހެން ގިނަ މަގާމްތަކުގައި ޖޭޕީ ގިނަ މެމްބަރުން މިހާރުވެސް ތިއްބެވިކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ