އިންތިޚާބު ކަވަރުކުރުމުގައި ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ ކަންކަމަށް ގެނެވޭނެ އިސްލާހުން މީގެ ކުރިން ނޫސްވެރިންނަށް ނުލިބޭ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި، ނޫސްވެރިންނަށް އިންތިޚާބު ކަވަރ ކުރުމަށް ވޯޓުލާ މަރުކަޒު ތެރެއަށް ވަނުމުގެ ފުރުސަތުވެސް ހަނިނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއުވާންގެ ވާހަކައިގައި ގާނޫނަށް އިސްލާހު ގެނައިނަމަވެސް އިންތިޚާބުގެ ޚަބަރުތައް ގެނެސްދިނުމަށް ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ވިދާޅުވިއެވެ.
އިންތިޚާބާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މި އިސްލާހާއި ގުޅިގެން ފުށުއަރާގޮތަށް އެކި ފަރާތްތަކުން ވާހަދައްކަމުންދާ ދަނޑިވަޅެއްގައި މިއުވާން ވިދާޅުވީ މި އިސްލާހު ހުށަހެޅިފައިވަނީ ސިސްޓަމެޓިކް ގޮތެއްގައި މިކަން ކުރުމަށް ކަމަށެވެ.
ބޭރުގެ މީޑިއާތަކަށްވެސް އިންތިޚާބު ކަވަރ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ ކަމަށާއި، އެފަރާތްތަކަށްވެސް އިންތިޚާބު ކަވަރ ކުރުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އިންތިޚާބުތަކުގައި ވޯޓުލާ ސަރަހައްދުގައި މޮނީޓާކުރުމަށް ހަރަކާތްތެރިވެވޭނީ ރަޖިސްޓާކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.