މިހާރު އޮތް ސަރުކާރަކީ ކޯލިޝަނެއްގެ ތެރެއިން އެކުލެވިފައިވާ ސަރުކާރެއް ކަމަށާއި، މިދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ އެއްވެސް ޕާޓީއެއްގެ މެމްބަރަކު ވަޒީފާތަކުން ވަކި ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމުމުން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބޭފުޅުން ވަޒީފާތަކުން ވަކިކުރުމަށް ގޮވާލައި ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.
މެމްބަރުންގެ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތީ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ވެފައިވާ އެއްބަސްވުންތަކާއިއެކު އެކުލަވާލާފައި އޮތް ކޯލިޝަން ސަރުކާރެއް ކަމަށެވެ. މިސަރުކާރުގައި ހިމެނޭ ޕާޓީއަކުން އެޕާޓީއެއްގެ ސިޔާސީ މުސްތަގުބަލަށްޓަކައި ނިންމާ ނިންމުމަކުން ވަޒީފާތަކުގައި ތިބި އެޕާޓީއެއްގެ ބޭފުޅުން ވަކި ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދައުރު ނިމެންދެން ކޯލިޝަންގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ދެމި ތިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަތަކާއި ގުޅިގެން ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުން ވަނީ ބަހުގެ ހަމަލާތަކެއްވެސް ދެއްވާފައެވެ. އެގޮތުން މިސަރުކާރު ހަލާކޮށް އިތުރުދައުރެއް ނުލިބޭނެހެން ހުރިހާ މަސައްކަތެއް ކުރައްވަމުން ދަނީ ނަޝީދުކަމަށް ވިދާޅުވެފައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ޤާސިމްވެސް ވަނީ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަށް ރައްދު ދެއްވާފައެވެ.
ޤާސިމް ވިދާޅުވީ ޖޭޕީން ސަރުކާރު ކޯލިޝަންގައި މަސައްކަތް ކުރަނީ އެއްބަސްވުމެއް އޮވެގެންކަމަށެވެ. މިއެއްބަސްވުމުގެ ތެރެއިން މިހާތަނަށް އަމަކު ކުރެވިފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައިލުމަށްވެސް ޤާސިމް ވަނީ އެދިފައެވެ.
ނިކަން ބައްލަވާ އަހުދުވެ ވައުދުވީ ވަރަށްތޯ ކަންތައް ކުރެވުނީ. ލަދުވެތިކަމެއް އިސްތިއުފާ ދޭން ގޮވުމަކީ. އަޅުގަނޑުމެން ނޮވެމްބަރު 18 އާއިހަމައަށް ދެމި އޮންނާނެ. އެނޫން ގޮތަކަށް އެކަން ކުރާނަމަ ރައީސް ޞާލިހުވެސް ޖެހޭނީ އިސްތިއުފާ ދެއްވަން.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޖޭޕީން ކުރި މަސައްކަތަށް ދިން އެއްޗެއް ދީފައިވަނީ އެއްބަސްވުމެއްގެ ތެރެއިންކަމަށެވެ. އެއެއްބަސް ވުމުގަިއ ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން މަޤާމުތަކުން މީހުން ވަކިވާން ޖެހޭކަމަށް ބުނެފައި ނުވާކަމަށެވެ. ވެރިކަން ކުރާ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ އެކި މަޤާމުތަކުގައި ގިނަ ބޭފުޅުން އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ކެބިނެޓް ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނާއިބުންނާއި، އެނޫންވެސް ގިނަ މަޤާމުތަކުގައި ޖޭޕީގެ ބޭފުޅުން އެބަތިއްބެވިއެވެ.
One Response
meena eh noontha govee MDP noon party thakuge meehun vakikuran. މަޖލީހަށް ނޯ ކޮންފިޑެންސް ވައްދައިގެން. މީނަގެ އަވާގަ އަދިވެސް ދިވެހިން ޖެހިދާނެބާ!؟