ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ގެނައުމަށް މިހާރު ކޯލިޝަން ހަދާފައިވާ ޕާޓީތަކަކީ އިންތިޚާބެއް ކާމިޔާބު ކުރެވޭ ސައިޒުގެ ކޯލިޝަނެއް ކަމަށް ރައީސް ޞާލިހުވެސް ގަބޫލު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެންމެ މުހިންމު ބައިވެރިޔާ އަދި ރިޔާސީ އިންތިޚާބު ތަކުގައި ގޮތް ނިންމުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން ކުރެއްވި ތުވީޓެއްގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލީޑަރޝިޕްގައި އެމް.ޑީ.ޕީ އިސްވެ އޮވެ އަދާލަތު ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމް.ޑީ.އޭ ހިމެނޭ ކޯލިޝަނާއެކު މަސައްކަތްކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
އަލީ ޒާހިރުގެ ވާހަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ ރައީސާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަކީ އިންތިޚާބު ކާމިޔާބުކުރެވޭ ވަރުގެ ޕާޓީތަކެއް ނުވަތަަ ކޯލިޝަނެއް ނޫންކަން ޚުދު ރައީސް ޞާލިހުވެސް ގަބޫލު ކުރައްވާކަމަށެވެ. އަދި މިހާރު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އާންމު މެމްބަރުން ތިބީ ކިހިނެތް ކަމާއިމެދުވެސް ރައީސް ޞާލިހަށް ކަންކަން ނޯޅޭނެކަމަށް ވައްޑެ ވިދާޅުވިއެވެ.
ތީ އިންތިޚާބު ކާމިޔާބު ކުރެވޭ ސައިޒުގެ ކޯލިޝަނެއް ކަމަށް ޚުދު ރައީސް ޞާލިހުވެސް ގަބޫލު ނުކުރައްވާ. އަދި ތިއިން ކޮންމެ ޕާޓީއެއްގެވެސް، ގިނަ އާންމު މެމްމަބަރުން ތިބި ގޮތްވެސް ރައީސް ޞާލިހަށް ގައުމުވެސް އެނގިވަޑައި ގަންނަވާނެ.
– ވައްޑެ ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީއިން މިފަހަރުގެ އިންތިޚާބަށް ވަކިން ނިކުތުމަށް ނިންމާފައިވާއިރު، ކޯލިޝަނާއެކު ކުރިއަށްދިއުމާމެދު ވަކިގޮތެއް މިހާތަނަށް ނިންމާފައި ނުވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމް.އާރް.އެމްއިން އެކަންޏެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާންކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނާއި އެމް.އެން.ޕީގެ ރައީސް މުޙައްމަދު ނާޒިމްއެވެ.