އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއާއިއެކު އަދާލަތާއި، އެމްޑީއޭ ކޯލިޝަނުން ފަސޭހަކަމާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމިތާ ގިނަ އިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓުގައެވެ. އަދާލަތަކީ އެމްޑީޕީއާއި އެންމެ ފުރަތަމަ ކޯލިޝަން ހެދި ޕާޓީއެވެ. އެޕާޓީގެ އިސްސަފުގައި ތިއްބެވި ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރުގެ އިސް މަޤާމުތަކުގައެވެ.
އަޅި ޒާހިރު ވިދާޅުވީ ރައީސް ޞާލިހުގެ ލީޑަރޝިޕްގެ ދަށުން އެމްޑީޕީން އެކުލަވާލާފައިވާ ކޯލިޝަނާއިއެކު ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެމްޑީޕީއާއި، އަދާލަތާއި، އެމްޑީއޭއިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ފަސޭހަ ކަމާއިއެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ލީޑަރޝިޕްގައި އެމްޑީޕީ އިސްވެއޮވެ، އަދާލަތު ޕާޓީއާއި، އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތް ކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމައިއެކު ކާމިޔާބު ކުރެވޭނެކަން ޔަގީން.
– އަލީ ޒާހިރު ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވެ، ނިންމި ނިންމުމުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެ ފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެމްޑީޕީއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީއަކީ މިހާރު ވެސް މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދާލަތުގެ އިތުރުން ދެން ރައީސް ޞާލިހާއި ބައިއަތު ހިފީ އެމްޑީއޭއިންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ޞާލިހާއިއެކު ކުރިއަށްދާން ނިންމި ހަމައެކަނި ޕާޓީއަކީވެސް އަދާލަތު ޕާޓީއެވެ.