ރާއްޖޭގައި ހަމައެކަނި އޮންނަނީ މޫދު ކަމަށާއި ރާއްޖެއަކީ ފޫހި މަންޒިލެއްކަމުގައި، ނިމިގެންދިޔަ ބަރލިން ފެއަރގައި ވިދާޅުވި ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ އޭނާއަށް ދެއްކުނު ވާހަކަތަކަށް މާފަށް އެދިއްޖެއެވެ.
ނިމިދިޔަ ބާލިން ފެއަރގައި ސްރީ ލަންކާގެ ކޮންޓިންގޖަންޓާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފެނާންޑޯ ވިދާޅުވެފައިވަނީ، ރާއްޖޭގައި ހަމައެކަނި އޮންނަނީ މޫދު ކަމަށާއި އެހެންކަމުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހަކު 5 ވަރަކަށް ދުވަހަށްފަހު ފޫހިވާނެ ކަމުގައެވެ. އަދި ރާއްޖެއާއި ހިލާފަށް ސްރީ ލަންކާއަކީ ފަތުރުވެރިންނަށް މާގިނަ ތަޖުރިބާ ކުރެވޭނެ ގައުމެއްކަމަށް ވިދާޅުވެ އޭނާ ވަނީ ރާއްޖޭގެ ފަތުރިވެރިކަމަކީ ޝައުގުވެރިކަމެއް ސިނާޢަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އެހެންނަމަވެސް އޭނާގެ މިވާހަކަތަކަށް ރާއްޖެއާއި ސްރީ ލަންކާގެ ގިނަބަޔަކުވެސް ދަނީ ސޯޝަލް މީޑިއާގައި ފަޑު ކިޔަމުންނެވެ.
މިގޮތުން ގިނަ ބައެެއްގެ ފާޑުކިއުން އަމާޒުވާން ފެށުމުން އޭނާ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދެއްކި ވާހަކައިގެ މާނަ އޮޅުވާލާފައި ވާކަމުގައެވެ. އަދި ސޯޝަލް މީޑިއާގައި އޭނާގެ ދެއްކި ވާހަކަތައް ގެންނަމުން ދަނީ ހަގީގަތް އޮޅުވާލައިގެން ކަމަށްވެސް އޭނާގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
My statement made in Berlin regarding the beautiful Maldive islands has been taken out of context and been misrepresented on social media. I wish to clarify that we work together with our neighbor on tourism and would like to apologize for any inconvenience caused
— Harin Fernando (@fernandoharin) March 13, 2023
ފެނާންޑޯ އިތުރަށް ވިދާޅިވެފައިވަނީ އަވައްޓެރި ދިވެހިރާއްޖެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، ދެއްކިފައިވާ ވާހަކަތަކަށް މާފަށް އެދޭކަމުގައެވެ.
ފެނާންޑޯގެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ. މިނިސްޓަރ މައުސޫމް ވިދާޅުވެފައިވަނީ ރާއްޖެއަކީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ މަޤާމު ޖެހިޖެހިގެން 3 އަހަރު ހޯދާފައިވާ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ފަތުރުވެރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ މި ވާހަކަތަަކަށް ގިނަ އަދަދެއްގެ ދިވެހިންނާއި އަދި ސްރީލަންކާގެ ރައްޔިތުންވެސް ވަނީ ފާޑުކިޔާފައެވެ. ބައެއް މީހުން ބުނެފައިވަނީ ތިޔަބުނާ ފޫހި މަންޒިލްގައި 5 ދުވަސް ހޭދަކުރުމަށް ފަތުރުވެރިން 1000 ޑޮލަރަށްވުރެ ގިނަ އަދަދެއް ރެއަކަށް ހޭދަކުރާކަމަށެވެ.