ފޫހި މަންޒިލެއް ނަމަ، ރާއްޖެއަށް ރިޕީޓްކޮށް ފަތުރުވެރިން ނާންނާނެ: ޑރ މައުސޫމް

ފޫހި މަންޒިލެއް ނަމަ، ރާއްޖެއަށް ރިޕީޓްކޮށް ފަތުރުވެރިން ނާންނާނެ: ޑރ މައުސޫމް

Author
އަޒްފާ ރަޝީދު
13 މާރޗް 2023 04:27
0

ރައްޖެއަކީ ފޫހި މަންޒިލެއް ނަމަ، އެއްފަރަށްވުރެ އިތުރަށް އެހާ ބޮޑު ޚަރަދެއްކޮށްފައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ނުކުރާންކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ނިމިގެންދިޔަ ބަރލިން ފެއަރގެ ތެރެއިން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އޭނާ ބުނެފައިވަނީ ރާއްޖޭގައި ހަމައެކަނި އޮންނަނީ މޫދު ކަމަށެވެ. އެހެންކަމުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހަކު 5 ވަރަކަށް ދުވަހަށްފަހު ފޫހިވާނެކަމަށާއި، އަދި ރާއްޖެއާއި ހިލާފަށް ލަންކާ އަކީ ފަތުރުވެރިންނަށް މާގިނަ ތަޖުރިބާ ކުރެވޭނެ ގައުމެއް ކަމަށް ބުނެ އޭނާ ވަނީ ރާއްޖެއަށް ފާޑުވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މިކަމަށް ރައްދު ދެއްވާފައެވެ. މިނިސްޓަރ މައުސޫމް ވިދާޅުވެފައިވަނީ ރާއްޖެއަކީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ މަޤާމު ޖެހިޖެހިގެން 3 އަހަރު ހޯދާފައިވާ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ފަތުރުވެރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ މި ވާހަކަތަަކަށް ގިނަ އަދަދެއްގެ ދިވެހިންނާއި އަދި ސްރީލަންކާގެ ރައްޔިތުންވެސް ވަނީ ފާޑުކިޔާފައެވެ. ބައެއް މީހުން ބުނެފައިވަނީ ތިޔަބުނާ ފޫހި މަންޒިލްގައި 5 ދުވަސް ހޭދަކުރުމަށް ފަތުރުވެރިން 1000 ޑޮލަރަށްވުރެ ގިނަ އަދަދެއް ރެއަކަށް ހޭދަކުރާކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދަށް ބަލާލިނަމަވެސް ފެނިގެންދަނީ އިތުރުވަމުންދާ އަދަދެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި މިހާރު 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު ވަނީ ވަރަށް ބޮޑަށްވެސް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު 9 އަކަށްވެސް އަރައިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.