ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރަމްކޯއަށް ފާއިތުވި 2022 ވަނަ އަަހަރު، ރެކޯޑު އަދަދަކަށް، 161.1 ބިލިއަން ޑޮލަރުގެ ސާފު ފައިދާއެއް ލިބިފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.
މިއީ ފާއިތުވިއަހަރު އެކުންފުންޏަށް ލިބުނު އާމްދަނީއާ އަަޅާބަލާއިރު، 46 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި ރެކޯޑު އަދަދަކަށް އެކުންދުންޏަށް ފައިދާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމުގެ އިތުރުން، އެކުންފުނިން ތެޔޮ ސަޕްލައި ކޮށްފައިވާ މިންވަރުވެސް ވަރަށްބޮޑަށް އިތުރުވެގެން ގޮސްފައިވާތީކަމަށް ކުންފުނިން ބުނެފައި ވެއެވެ.
ސައުދީ އަރަމްކޯއަށް ލިބިފައިވާ ސާފު ފައިދާއަކީ، ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި އެހެން ކުންފުނިތައް ކަމަށްވާ އެކްސްސޮންއަށް ލިބިފައިވާ 56 ބިލިއަން ޑޮލަރުގެ ސާފު ފައިދާއަށްވުރެ 3 ގުނަ މަތީ އަދެދެކެވެ، ހަމަ އެއާއެކު، އަރަމްކޯއަށް ލިބިފައިވާ ފައިދާއަކީ، ރެކޯޑު އަދަދަކަށް ފާއިތުވި އަހަރު ފައިދާ ވެފައިވާ ތެޔޮ ކުންފުނިތައް ކަމަށްވާ ބީޕީއާއި ޝެލް ކުންފުނި އަދި ޗެވްރޮންއަށްވުރެ ބޮޑު ފައިދާއެކެވެ.
2022 ވަނަ އަހަރު ފެށުނު ޔޫކުރެއިން ހަނގުރާމައާއެކު ދުނިޔޭގެ ދަތުރު ފަތުރާއި އަދި އެނޫންވެސް ވިޔަފާރިތަކަށް އައި ބޮޑެތި ބަދަލުތަކާއިއެކު، ތެލުގެ އަގަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
"ތަލާއި ގޭހަކީ ކުރިޔަށް އޮތް ތަނުގައިވެސް މުހިންމު ވަސީލަތެއްގެ ގޮތުގައި އޮންނާނެކަމަށް ބެލެވުނު ނަމަވެސް، ހަކަތައިގެ އަގު ބޮޑުވަމުން ދިއުމާއެކު، މި ސިނާއަތުގައި އެކަށިގެންވާ ގޮތުގައި ކުރިޔަށް އޮތްތަނުގައި އިންވެސް ކުރުމުގެ ފުރުސަތު ނެތިގެން ދިއުމަކީ އެކަށީގެންވާކަމެއް،" ކުންފުންޏަށް ރެކޯޑު ފައިދާއެއް ލިބިފައިވާކަން ހާމަކޮށް، ނެރެފައިވާ ބަޔާނުގައި އަރަމްކޯގެ ސީއީއޯ އަދި ރައީސް އަމިން އެޗް. ނަސީރު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ގޮންޖެހުމަށް ހައްލު ހޯދުމުގެ ގޮތުން ކުންފުނިން ކުރިޔަށް އޮތްތަނުގައި ކާބަންގެ މިންވަރު ދަށް ޓެކްނޮލޮޖީތަކުގައި އިންވެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ ތިމާވެއްޓަށް ގެއްލުންދޭ ބާވަތްތައް މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ ސިޔާސަތެއް ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މިބަޔާނުގައި ބުނެފައިވާ ގޮތުތައި، އަރަމްކޯގެ އަމާޒަކީ 2027 އަންނަންވާއިރަށް ދުވާލަކަށް 13 ބިލިއަން ފީފާގެ ކުރޫޑް އޮއިލް އުފެއްދުމުގެ ގާބިލްކަން ހޯދުމެވެ.
ކޮމެންޓު ފޮނުވާ