ދައުލަތުން އެކި ޕްރޮޖެކްޓްތަކަށް ނަގާ ލޯނު އަބުދާ ދެއްކުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރީ ސަރުކާރުން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އަށް ދެމަސްތެރޭ 163 މިލިއަން ރުފިޔާ ޖަމާ ކޮށްފިއެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރުމަށް މިއަހަރުގެ ބަޖެޓުގައި 870 މިލިއަން ރުފިޔާ ހިމަނާފައިވި ނަމަވެސް، މިހާތަނަށް މި ފަންޑަށް ޖަމާކުރެވިފައިވަނީ މި ފައިސާގެ 18 އިންސައްތައެވެ. ފާއިތުވި އަހަރު މި ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެއެވެ.
ފާއިތުވި ޖެނުއަރީމަހުގެ ނިޔަލަށް އެސްޑީއެެފްއަށް ޖަމާވެފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 6.4 ބިލިއަން ރުފިޔާއެވެ.
ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 2017ވަނަ އަހަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު އުފައްދާފައިވަނީ މި ފަންޑުން އިންވެސްޓު ނުކޮށް، ކުއްލި ހާލަތުގައި ނުވަތަ ސަރުކާރުން ނަގާ ބޮޑެތި ލޯނުތައް ދެއްކުމަށް ކަމުގައިވި ނަމަވެސް މި ސަރުކާރުން ދަނީ މިފަންޑުން ސަރުކާރުގެ ޓީބިލުގައި އިންވެސްޓް ކުރަމުންނެވެ.
މިގޮތުން މި ފަންޑުގައި ހުންނަ ފައިސާގެ ގާތްގަޑަކަށް 70 އިންސައްތަ މި ސަރުކާރުން މިހާރު އިންވެސްޓު ކުރަމުން ދަނީ ކޭޝްފްލޯ ހަމަޖެއްސުމަށް ޓީ ބިލުގައެވެ. އޭގެ އިތުރުން ބޭންކުތަކުގައި ފިކްސް ޑިޕޮޒިޓްގެ ގޮތުގައިވެސް މި ފައިސާ ދަނީ އިންވެސްޓް ކުރަމުންނެވެ.
ފާއިތުވެދިޔަ ތަނުގައި މި ފަންޑު ބަލަހައްޓަމުން އައިސްފައިވަނީ އެމްއޭމްއާއެކު ހަދާފައިވާ ކޮމިޓީއަކުންނަނަމަވެސް، އެ ފަންޑު ބެލެހެއްޓުމުގެ ހުރިހާ ބާރެއް ފާއިތުވެދިޔަ މަހު، މަޖިލިހުންވަނީ ފިނޭންސް މިނިސްޓަރާ ހަވާލު ކޮށްފައެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ، އެމްއެމްއޭގެ ރިޒާވް ނުހިމެނޭގޮތުން، އެހެންނަމަވެސް ފައިސާގެ ރިޒާވްއެއްގެ ގޮތުގައި އުފައްދާފައިވާ ފަންޑެކެވެ.
ކޮމެންޓު ފޮނުވާ