ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް އަށް

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް އަށް

ގުޅުންހުރި

ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަނުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓް އިބްރާހިމް ޝާޒް އަށް ލިބިއްޖެއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި 4 ކެނޑިޑޭޓުން ވާދަކުރިއިރު، މިއިންތިޚާބު އޭނާ ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުން ކަމަށް އެނގިފައިވެއެވެ. ޝާޒްއަށް ތާއީދު ކުރާ ފަރާތްތަކުން އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅު ކުރަމުންދާއިރު އެމްޑީޕީން ވަނީ ވަގުތީ ނަތީޖާ އިއުލާން ކޮށްފައެވެ. މާލެއާއި، ގުރައިދޫ ދާއިރާގެ ތިން ރަށުގައި ބެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާތަކުން ޝާޒް ވަނީ ކާމިޔާބު ހޯއްފދަވާފައެވެ.

ޕްރައިމެރީގައި ވާދަކުރާ ކެނޑިޑޭޓުން:
1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި، ލިބުނު ވޯޓު: 66
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި، ލިބުނު ވޯޓު: 190
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ، ލިބުނު ވޯޓު: 311
4- ސައީދު – ވެލި / ކ. ގުރައިދޫ، ލިބުނު ވޯޓު: 15

ގުރައިދޫ ދައިރާގެ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާގެ ބައި- އިލެކްޝަން އަންނަ އޭޕްރިލްމަހުގެ 15ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. ގުރައިދޫ ދާއިރާގައި ގުރައިދޫގެ އިތުރުން ދެން ހިމެނެނީ މާފުއްޓާއި ގުޅިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ