ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު އިހުތިޔާރީ ކަމަކަށް ހެދުމުގެ ވިސްނުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ގެންގުޅުއްވާތީ އެކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ހިމަނައިފައިވެއެވެ. މިކަމާއި ގުޅިގެން އާންމު ގިނަ ބަޔަކާއި، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ތެރޭގައިވެސް ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.
ބައެއް ބޭފުޅުންނާއި، މެމްބަރުން ދެކޭ ގޮތުގައިި ފުލުހުންގެ މުއައްސަސާއާއިމެދު މިހާރުވެސް އާންމުންގެ ކަންބޮޑުވުން އޮތްއިރު، ފުލުހުންގެ ޚިދުމަތާއި ގުޅޭ މީހާއަކީ ކޮންކަހަ މީހެެއްކަން ބެލެންޖެހެއެވެ. ފުލުނުންގެ ތެރޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ތިބިކަމަށާއި އަދި އެފަދަ ކަންކަމަށް ޖާގަދޭ މީހުން ތިބިކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ދަނޑިވަޅެއްގައި ފުލުނުންގެ ވަޒީފާއަށް ނަގާއިރު އެމީހެއްގެ ބެކްރައުންޑް ބެލުމަކީ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނަމަވެސް ސީޕީ ހަމީދު ވިދާޅުވެފައިވަނީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ މުވައްސަސާއަށް ވައްދާ އެންމެހާ މުވައްޒަފުން، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ބެކްގްރައުންޑު ހަދަން ޖެހޭ ކަމަށެވެ. މިގޮތުން މަސައްކަތަށް މީހަކު ވެއްދިޔަސް، ގާނޫނުގައި ބަޔާން ކުރާ "ޕޮލިގްރާފް" ޓެސްޓު ހަދަން ޖެހޭއިރު އެ ކަމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން ބޭނުން ވަނީ ގާނޫނުގައި ޕޮލިގްރާފް ހެދުން ވަކިވަކި ކަންތައްތަކަކަށް ލާޒިމުކޮށްފަ އޮތީމަ އެކަންކަން ލާޒިމުކުރުމަށް އޮތް އޮތުން، ބައެއް ކަންކަމަކީ އިހުތިޔާރެއް ކަމަށް ދޫކޮށްލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބިލުގެ އިބްތިދާއީ ބަހުސްގައި މި ބަދަލު ގެންނަނީ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ވެއްދުމަށް ކަމަށް ބުނެ ބައެއް މެންބަރުން ކުރެއްވި ތުހުމަތުތައް ސީޕީ ވަނީ ދޮގުކުރައްވައިފައެވެ.
ސީޕީގެ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ކަމެއް އިޚްތިޔާރީ ކަމަކަށް ދޫކޮށްލުމަކީ އެކަމެއް ނުކުރުމަށް ނިންމޭ ނިންމުމެއް ކަމަށެވެ.
އިޚްތިޔާރީ ކުރުމުގެ މާނައަކީ “ނުކުރުން”
– ވައްޑެ ވިދާޅުވިއެވެ.
ވައްޑޭގެ އިތުރުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިިޔާޒު ފަހުމީވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އިންތި ވިދާޅުވި މިހާރުވެސް ޤާނޫނުތަކުގައި ލާޒިމް ކޮށްފައިވާ ކަންކަންވެސް ކުރުމަށް ބައެއް އިދާރާތަކުން ފަސްޖެހޭއިރު، ކަމެއް އިޚްތިޔާރީ ކަމަކަށް ދޫކޮށްލުމުން އެކަމެއް އަމުދުން ދެން ކުރާނެތޯ ވަނީ ސުވާކު ކުރައްވާފައެވެ.
ވަރަށް ގިނަ މުވައްސަސާތަކުން، ޤާނޫނީ ގޮތުން ލާޒިމުކަންކަމުގައި ވެސް ސަމާލުކަންނުދޭއިރު، އިޚްތިޔާރީ ކަމަކަށް ހެދުމުން އަދި އަމުދުން އެކަމެއް ނުކުރާނެ ނޫންތޯ؟
– އިންތި ސުވާލު ކުރެއްވިއެވެ.
ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، ގަވައިދެއްގެ ދަށުން ބެކްގްރައުންޑް ޗެކްކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެ ކަމަށް "މިގޮތުން ތިރީގައި އެވާ ކަންކަން ކުރަން ވާނެއެވެ." މި އިބާރާތް ހިމަނައިފައިވެއެވެ.
އެހެންނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައި ޗެކް ކުރަން ޖެހޭނެ ކަން ބަޔާން ކޮށް، ދެން އޮތް އިބާރާތް އޮތީ "މިގޮތުން ތިރީގައި އެވާ ކަންކަން ކުރެވިދާނެ އެވެ،" ލާޒިމުކަމެއްގެ ބަދަލުގައި އިހުތިޔާރީ ކަމެއްގެ ގޮތުގައި މާނަކުރެވުމެވެ.