ރާއްޖެއިން އިރާނާ ސިޔާސީ ގުޅުން ގާއިމް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް: ޑރ. ޝަހީދު

ރާއްޖެއިން އިރާނާ ސިޔާސީ ގުޅުން ގާއިމް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް: ޑރ. ޝަހީދު

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2023 02:17
0

ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީގުޅުން ޤާއިމުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އީރާނާއި އަލުން ގުޅުން ގާއިމް ކުރުމަށް ނިންމިކަން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި ދެމެދު ސިޔާސީގުޅުން ޤާއިމުކުރުމާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނަށް ފާޑުވިދާޅުވެ ޑރ.ޝަހީދު ވިދާޅުވީ އީރާންއަށް އެއްވެސް ކުރިއެރުމެއް އައިސްފައިނުވާ ކަމަށެވެ. އަދި އެ ގައުމާއި ގުޅުން ގާއިމް ކުރަންވީ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް މީހުން މެރުމާއި، ވިހަ ލުމާއި، އަނިޔާކުރުން ފަދަ އަމަލުތައް އިރާންގައި ދަނީ ހިންގަމުން ކަމަށެވެ. މިއީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރަކަށްވެ ހުރެ ރާއްޖެއިން ވިސްނަން ޖެހޭ ކަމެއް ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ސަޢޫދީ ޢަރަބިއްޔާއާއި އީރާނުން ދެޤައުމުގެ މެދުގައި އަލުން ސިޔާސީގުޅުން ޤާއިމުކޮށް ދެ ޤައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި، ޤައުމުތަކުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާކަމަށެވެ.

މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީގުޅުން ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. ރާއްޖެއިން އިރާނާއެކު ސިޔާސީގުޅުން އެންމެ ފުރަތަމަ ޤާއިމުކުރީ 2 ޖޫން 1975 ގައެވެ.

ނަމަވެސް ރާއްޖެއާއި އީރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމެވީ 17 މެއި 2016 ގައެވެ. އީރާނާއެކު އޮތްގުޅުން ސަރުކާރުން އޭރު ކަނޑާލީ، ޢަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާއިވެސް ގުޅިފައިވާ ކަމަކަށްވާތީއާއި، ނަމަވެސް އެސަރަޙައްދުގެ ސުލްޙައަށް އީރާނުން ހުރަސްއަޅަމުންގެންދާތީކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.