ރައީސް ސޯލިހު ޖަރުމަނުގެ ރައީސާއި ބައްދަލުކުރައްވައިފި

ރައީސް ސޯލިހު ޖަރުމަނުގެ ރައީސާއި ބައްދަލުކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2023 09:51
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތުގެ ރައީސާއި ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، ޖަރުމަނުވިލާތުގެ ރައީސް މަޝްވަރާކުރެއްވިއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވިވާހަކަފުޅުގައި، ޔޫރަޕިއަން ޔޫނިއަން، އީ.ޔޫގައި ޖަރުމަނުވިލާތުގެ ލީޑަރޝިޕަށް ތަޢުރީފު ކުރެއްވިއެވެ. އަދި ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި، ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އެ ޤައުމުން އަދާކުރާ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ފުރުޞަތުތަކާއި، ވައިގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ފުޅާކުރުމާއިމެދު ދެ ބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ދެ ބޭފުޅުންގެ ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާއި، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި، މަންފާއަށްޓަކައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ޖަރުމަނުވިލާތުގެ ރައީސާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިން މިނިސްޓަރ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދިވެހިރާއްޖެއާ ޖަރުމަނުވިލާތާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގައެވެ. މިއަހަރު މި ގުޅުމަށް 57 އަހަރު ފުރޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.