ހަގުރާމަ މަތީ ސަބްމެރިންތަކަށް 643 ކިލޯ މީޓަރ (400 މޭލު) ދުރުން ހަމަލާ ދިނުމުގެ ގާބިލްކަންހުރި ޓޯޕިޑޯ މިސައިލްއެއް އިންޑިއާއިން ކާމިޔާބު ކަމާއިއެކު ޓެސްޓް ކޮށްފިއެވެ.
އިންޑިއާގެ އަސްކަރިއްޔާއިން މައުލޫމާތު ދޭގޮތުގައި ސްމާޓް (ސުޕަރ ސޮނިކް މިސައިލް އެސިސްޓެޑް ރިލީޒް އޮފް ޓޯޕިޑޯ) ސިސްޓަމްގެ ނަމުން ނަންދެވިފައިވާ މި މިސައިން އުދުއްސާލެވިފައިވަނީ ފުރޮޅުލީ އުޅަދެއްގައި، އިންޑިއާގެ އައްސޭރިފަށުގައި އޮންނަ އޮޑިއްސާ ސްޓޭޓް އިންނެވެ. މި މިސައިލްގެ ބޭނުމަކީ، ހަގުރާމަ މަތީ ސަބްމެރިންތަކަށް ހަމަލާ ދިނުމުގައި އިންޑިއާގެ އަސްކަރިއްޔާއަށް ލިބިފައިވާ ގާބިލްކަން އިތުރުކުރުމެވެ.
އިންޑިއާއިން މުޅިން އަލަށް ޓެސްޓު ކުރި މިމިސައިލް އަކީ 20 ކިލޯ މީޓަރ (12.5 މޭލު) އަށް ދަރުކުރާ ވާރހެޑަކާއެކީ ޓޯޕިޑޯއެއް އެކުލެވޭ މިސައިލްއެކެވެ. ސުޕަރ ސޮނިކް މިސައިލް ބޭނުން ކޮށްގެން މި ޓޯޕިޑޯ 400 މޭލު (643 ކިލާ މީޓަރު) ދުރަށް ފޮނުވާލުމުގެ ގާބިލްކަން މިހަތިޔާރަށް ލިބިގެން ވެއެވެ. އިންޑިއާއިން ޓެސްޓު ކުރި މި މިސައިލަކީ އަޑަށްވުރެ ތިން ގުނަ ބާރު ސްޕީޑުގައި ދަތުކުރާ މިސައިލްއެކެވެ.
ދުނިޔޭ އެހެން ގައުމުތަކަށް ބަލާއިރު، ލުއި ޓޯޕިޑޯތައް އުފުލޭވަރު މިސައިލްތައް ނުވަތަ ރޮކެޓްތައް ރަޝިޔާ، ޖަޕާން އަދި އެމެރިކާ އަތުގަ ހުރިކަމަށް އަސްކަރީ ގާބިލްކަން ދިރާސާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް މިއިން އެއްވެސް މިސައިލަކަށް އިންޑިއާއިން މި ޓެސްޓްކުރި މިސައިލްއަަށް ލިބިފައިވާ ދުރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައެއް ނުވެއެވެ.
ދާދިފަހުން އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ ސަބްމެރިންތަކާއި ދެކޮޅަށް ހަމަލާދިނުމުގެ ގާބިލްކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ. މީގެތެރޭގައި އެމެރިކާއިން އުފައްދާފައިވާ ބޮއިން ޕީ-8 މަރުކާގެ ހަގުރާމަ މަތީ މަތިންދާ ބޯޓުތަކާއި އަދި އެމްއެޗް 60-އާރު ސީހޯކް މަރުކާގެ ހެލިކޮޕްޓަރތައްވެސް އަސްކަރިޔާގެ ފްލީޓްތަކަށް އިތުރުކުރުން ހިމެނެއެވެ. މި ތަކެއްޗަކީ ސްމާރޓް ސިސްޓަމްތައް ހަރުކުރެވިފައިވާ އިންޑިއާގެ ކަޑުމަތީ އުޅަދުފަހަރުތަކާއި އެތައްކެއް މޭލު ދުރުން ދަތުރުކުރާ ސަބްމެރިންތައް ދެނެގަނެ، އިންޑިއާގެ ކަޑުމަތީ އުޅަދުތަކަށް ޓާގެޓްތަކާއި ގުޅޭމައުލޫމާތު ވަގުތުން ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ތަކެއްޗެވެ.
އިންޑިއާއިން އަސްކަރީ ގާބިލްކަން އިތުރުކުމުގެ މައްސައްކަތް ފަށާފައި މިވަނީ އިންޑިއާ ކަނޑުގައި ޗައިނާއިންވެސް އަސްކަރީ ގާބިލްކަން އިތުރުކުމުގެ މަސައްކަތް ކުރަމުންދާ ދުވަސް ވަރެއްގައެވެ. އަދި ދާދިފަހުން ހިމާލިޔާ ސަރަހައްދުގެ ބޯޑަރު ކައިރީގައި މިދެގައުގެ ސަފައިންގެ މެދުގައިވަނީ ކުރިމަތިލުން ތަކެއްވެސް ހިގާފައެވެ.