ޔާމިންގެ އިސްތިއުނާފް މައްސަލައިގެ ލިޔުންތައް އިސްލާހުކުރަން ހައި ކޯޓުން އަންގައިފި

ޔާމިންގެ އިސްތިއުނާފް މައްސަލައިގެ ލިޔުންތައް އިސްލާހުކުރަން ހައި ކޯޓުން އަންގައިފި

Author
ހުސެއިން
09 މާރޗް 2023 06:03
0

ކުރީގެ ރައީސް ޔާމިންގެ މައްޗަށް ދަށުކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔުންތައް އިސްލާހު ކުރުމަށް ޔާމިންގެ ވަކީލުންނަށް ހައިކޯޓުން އަންގައިފިއެވެ.

ޔާމިންގެ ވަކީލުންގެ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، ހައިކޯޓުން މިއަދުގެ 12:58 ގައި ވަނީ ވަކީލުންނަށް ޖަވާބެއް ދެއްވާފައެވެ. އަދި މި ޖަވާބުގައިވަނީ، މައްސަލައަކީ އެއް ރިޕޯޓަކުން ނިންމި 2 ޤަޟިއްޔާ ނަމަވެސް، ދެ ޤަޟިއްޔާގެ އިސްތިއުނާފް ފޯމު ވަކިން ތައްޔާރު ކުރުމަށްފަހު އިސްލާހު ހުށަހެޅުމަށް ކަމުގައިވެސް ޔާމިންގެ ވަކީލުންގެ ޓީމުގެ ވަކީލަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުންވެސް، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯރޓާއި މަޙްޟަރުތަކާއި ޑޮކިއުމެންޓްރީ އެވިޑެންސުން ކެޕްޗާކޮށް ހުށަހަޅާފައިވާ ބައިތައް ޓައިޕްކޮށް ފޯމުގައި ހިމަނައިދިނުމަށާއި، އިނގިރޭސިބަހުން ހުރި ބޭރުޤައުމުތަކުގެ ކޯޓުތަކުގެ ނިންމުން ދިވެހިބަހުން ތަރުޖަމާ ހުށަހެޅުމަށްވެސް ހައިކޯޓުންވަނީ ޔާމިންގެ ވަކީލުންނަށް އަންގާފައެވެ.

ހަމަ އެއާއެކު ބޭރު ގައުމުތަކުގެ މައްސަލަތަކުގެ ރިޕޯރޓުތައް ހުށަހެޅުމާއެކު، އަދި އޭގެ އިތުރުން ކުރިމިނަލް ކޯޓަށް ހުށަހެޅި އިސްތިއުނާފް ފޯމު ހައިކޯޓަށް ކްރިމިނަލް ކޯޓުން ފޮނުވިއިރު ބައެއް އެޓޭޗްމަންޓް އެ ފޯމުގައި ނެތުމުން އެ އެޓޭޗްމަންޓްތައްވެސް ފޮނުވުމަށް ހައިކޯޓުން އެދިފައިވާކަމަށްވެސް ޔާމިންގެ ވަކީލުންގެ ޓީމްގެ ފަރާތުން ހާމަ ކޮށްފައި ވެއެވެ.

ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމް އިސްތިއުނާފް ކުރުމަށް ހުށަހެޅުމަށްފަހު، މައްސަލައާއި ގުޅޭގޮތުން ހައި ކޯޓުގެ ނިންމުން ލަސްވެގެން އެޕާޓީގެ ލީޑަރޝިޕުން ކަންބޮޑުވުންވެސް ފާޅު ކޮށްފައި ވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަރު ގަބޫލުކޮށް އަދި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި، ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޔާމިން 11 އަހަރަށް ޖަލަށް ލާށެވެ. އަދި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) 6 މަސް ދުވަހުގެ ތެރޭގައި ދައްކަންވެސް ކުރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް ހުކުމް ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.