މަޝްހޫރު ތަރިން ތަކެއް ފެނިގެންދާ ފިލްމް "ބީޅް" ސިނަމާ ތަކުގައި އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ. ސޯޝަލް މީޑީއާގައި ފިލްމްގެ ޓްރެއިލާ އާއި އެކުގައި ރިލީޒް ކުރާ ދުވަސް އިއުލާން ކުރީ ފިލްމް ގެ ލީޑޫން ފެނިގެންދާ އެކްޓަރު ރާޖްކުމާރު ރާއޯއެވެ.
މި ފިލްމް ގައި ދައްކުވައިދެނީ 2020 ވަނަ އަހަރު މުޅި ދުނިޔެ އާއި ކުރިމަތިވި ބޮޑު އަދި ބިރުވެރި ބަލިމަޑުކަން ކަމުގައިވާ ކޮވިޑް-19 ގެ ވާހަކަ ތަކެކެވެ. ފިލްމް ގެ ކާސްޓުން ފެނިގެންދާނީ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރާއި ދިއާ މިރުޒާ އާއި އަޝުތޯޝް ރާނާ އާއި ޕަންކަޖް ކަޕޫރާއި ކްރިތިކާ ކަމްރާ އަދި ކުމުދު މިޝްރާ ފަދަ މަޝްހޫރު ފަންނާނުންނެވެ.
"ބީޅް" އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އަނޫބަވް ސިންހާ ހަދާފައިވާ ޑްރާމާ ފިލްމެކެވެ. މި ފިލްމްގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފައިވަނީ ހުދާއި ކަޅުންނެވެ. އެހެންކަމުން ފިލްމް ވެސް ފެނިގެންދާނީ ހުދާއި ކަޅުން ކަމުގައި ބެލެެވެއެވެ.
މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވަނީ މި މަހުގެ 24 ގައިއެވެ.
ކޮމެންޓު ފޮނުވާ