އިމްރާން ޢަމަލުކުރައްވާ ގޮތުން މަޓީގެ މަރަށް އިންސާފު ލިބޭނެކަމަށް ގަބޫލެއްނުކުރެވޭ: ފިރުޝާން

އިމްރާން ޢަމަލުކުރައްވާ ގޮތުން މަޓީގެ މަރަށް އިންސާފު ލިބޭނެކަމަށް ގަބޫލެއްނުކުރެވޭ: ފިރުޝާން

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2023 07:32
0

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ރަޝީދު (މާޓީ)ގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާން ޢަމަލުކުރައްވާ ގޮތުން ރަޝީދުގެ މަރަށް އިންސާފު ލިބޭނެކަމަށް ގަބޫލެއްނުކުރެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިިރުޝާން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ މެމްބަރު ހުސެއިން ފިރުޝާން ވަނީ މަޓީގެ މަރުގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ މިނިސްޓަރު އިމްރާނާ ސުވާލު ކޮށްފައެވެ. އަދި އެކަން ހިނގާދިޔައީ ފުލުހުންގެ އިހުމާލުން ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ. ފިރުޝާންގެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ރަޝީދުގެ މަރުގެ މައްސަލައިގެ ރިޕޯޓް ހޯދާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބާއްވަންޖެހޭ މަޝްވަރާތައް ބާއްވާފައިވާކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެ ހާދިސާގައި މީހުންނަށް ފެނުނު މަންޒަރާއި، ތަހުގީގީ ނަޒަރަކުން ފެންނަ ގޮތާ އޭގެ ފަހަތުގައި ހުރި ކަންކަން ވަރަށް ތަފާތު ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ 10 ވަރަކަށް މިނިޓުގެ މައްޗަށް އެކަނި ބެލުމަށްފަހު ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަމަށެވެ. އަދި މިމައްސަލައިގެ ފަހަތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާންގެ ވާހަތަކަށް ރައްދު ދެއްވައި ފިރުޝާން ވިދާޅުވީ މަޓީ ނިޔާވި މައްސަލާގައި ހޯމް މިނިސްޓަރ މި މޭރުމުން ވާހަކަ ދެއްކުމަކީ މައްސަލައިގައި އިންސާފަށް ވާސިލްވުމަށް އޮތް ހުރަހެއްކަމަށް ދެކޭކަމަށެވެ. މީހެއްގެ މައްޗަށް ކުށަކަށް ތުހުމަތު ކުރެވުމަކީ ނުވަތަ ކުއްވެރިވުމަކީ އެމީހާއަށް ލިބިދޭން ޖެހޭ އަސާސީ ހައްގުން އެމީހާ މަހުރޫމު ވާންޖެހޭ ކަމެއް ނޫންކަމަށް ފިރުޝާން ވިދާޅުވިއެވެ.

ރަޝީދު ނިޔާވިއިރު އޭނާ ބޭސްފަރުވާއަށް އެދެމުން ދިޔަ. އެތަނުގައި ތިބި ފުލުހުން ގާތުގައި ހުދު އަޅުގަނޑު ވެސް އޭނާއަށް ބޭސްފަރުވާ ދިނުމަށް އެދުނީމެވެ. މި ކަންކަމަކީ ފޮރުވޭނެ ކަމެއްނޫން.

– ފިރުޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަޝީދުގެ ބޭސްފަރުވާއަށް އެތަނުގައި ތިބި ފުލުހުން އިހުމާލުވިކަން އެއީ ކަނޑައެޅިގެން އެނގެން އޮތްކަމެއް ކަމަށެވެ. އޭނާގެ މަރަށް 5 މަސް ވެގެން ދިޔައިރު މިކަމާއި ގުޅިގެން އެއްވެސް ފިޔަވަަޅެއް އެޅިފައި ނުވާކަމީ މިނިސްޓަރު މިކަމާއި ދޭތެރޭ އަމަލުކުރާގޮތް ސާފުވާ ކަމެއްކަމަށް ފިރުޝާން ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް ހޯމް މިނިސްޓަރު އިމްރާން އަމަލުކުރައްވާފައި ގޮތުން ރަޝީދުގެ މަރަށް އިންސާފު ލިބޭނެކަމަށް ގަބޫލެއްނުކުރަން. އަދި އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށްވެސް ގަބޫލެއް ނުކުރަން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަކަށްވެސް ގަބޫލެއްނުކުރަން.

– ފިރުޝާން ވިދާޅުވިއެވެ.

އަދި މައްސަލަ ތަހުގީގު ކުރާކަމަށް ބުނެ ހެދި ޕޯސްޓްމޯޓަމް ގެ ނަތީޖާ އާއި މައްސަލައާއި ގުޅުންހުރި ކަންކަން އާއިލާއަށް ސިއްރުކޮށްގެން ތިބޭ ތިބުމަކީ މާބޮޑަށް އިންސާފާއި ދުރަށް މިނިސްޓަރުގެ ވިސްނުން ހުރިކަން ސާފުވާ ދަލީލެއްކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ކަން ހިނގާދިޔަ ގޮތް ބެލިކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ހަމަ އެކަނި އެކަމުގެ މެދުތެރެއިން ފެނިފައިވާ ބައެއްގެ މައްޗަށް ރިއާޔަތްކޮށް ނިންމުމެއް ނިންމުން ރަނގަޅު ނުވާނެކަމަށެވެ. ރަޝީދު ނިޔާވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ގދ. ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައިއިންދާ މެޔަށް ތަދެއް އަރައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.