ރަށްރަށުގައި ރާ ވިއްކުމަކީ "ރިހޭފައިމައްޗަށް ފޮއި" ވެއްޓުން: އާދަމް ޝަރީފް

ރަށްރަށުގައި ރާ ވިއްކުމަކީ "ރިހޭފައިމައްޗަށް ފޮއި" ވެއްޓުން: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
27 ނޮވެމްބަރ 2020 01:56
0

ރާއްޖޭގެ އިޖުތިމާއީ ފޭރާން ޑުރަގުގެ ބަވާއިން ސަލާމަތް ނުކުރެވިގެން އުޅެނިކޮށް، ބަނގުރާ ރަށްރަށުގައު އާންމު ކުރުމަށް އުޅުމަކީ "ރިހޭފައިމައްޗަށް ފޮއި" ވެއްޓުންފަދަ ކަމެއް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް ދަނީ އަމާޒުވަމުންނެވެ. އަދި މިއީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ނަގާލައި، މުޖުތަމައުގެ ތެރޭގައި ދީނީ ވަހުދަތު ގެއްލުވާލުމަށް ހުއްދަ ކުރަން އުޅޭ އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަމެއްކަމަށް ދީނީ އިލްމުވެރިންވެސް ދަނީ ވިދާޅުވަމުންނެވެ.

މިމައްސަލާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރަން މިއަދުވެސް ޑްރަގުގެ ނުރައްކާތެރި ވަބާގައި ޖެހި ހަލާކުވެފައިވާއިރު، އެކަމުގެ ހިތާމާގައި އެތައް އާއިލާއެއް ހިތްދަތިކަމުގައި ތިބި ވަގުތެއްގައި އިތުރު ނުރައްކަލަކަށް މުޖުތަމައު ހުށަހެޅޭ ކަމެއް ކުރުމަށް ސަރުކާރށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން އުޅުމަކީ ޤައުމުގެ ހަލާތު އިތުރަށް ނުރައްކަލަށް ވައްޓާލުމަށް ކުރެވޭ ކަމެއް ކަމުގައެވެ. އަދި މިއީ މުޅި މުޖުތަމައު މިކަމާއި ދެކޮޅަށް އަނެއްކާވެސް ނިކުންނަންޖެހޭ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑްރަގުގެ ވަބާއިން މުޖުތަމައު ސަލާމަތް ނުކުރެވި، އެތައް އާއިލާއެއް ހިތްދަތިކަމުގެ ތެރެއަށް ގެނބި، ހައްލެއްނުލިބި ތިއްބާ، ރަށްރަށުގައި ރާ ވިއްކުމަކީ "ރިހޭފައިމައްޗަށް ފޮއި" ވެއްޓުން. ރަށްރަށުގައު ރާ ވިއްކުމާއި ދެކޮޅަށް އަނެއްކާވެސް ރައްޔިތުން ތެދުވާންޖެހޭ.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓްއަރިޒަމް ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް ބަނގުރާ ލިބޭނެ ގޮތް ހެދުމަކީ ވަރަށް ގިނަ މީހުންގެ އެދުމެއް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.

ރަށުގައި، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑު ތެރޭގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އޮންނަން ޖެހޭ ކަމަށް ޝިޔާނު ވިދާޅުވިއެވެ.

އޭނާގެ މިވާހަތަކާއި ގުޅިގެން ގިނަބަޔކު މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މީހުން ދިރިއުޅޭ ރަށްތަކުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ބަނގުރާ އާންމު ކުރުމަށް ކުރި މަސައްކަތާއި ދެކޮޅަށްވެސް ގިނަބަޔަކު ވަނީ ނިކުމެ އިހުތިޖާޖު ކޮށްފައެވެ. އަދި މިފަދަ ކަންކަން ހުއްދަ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ދެކޮޅަށް ދީނީ އިލްމުވެރިން އެކައްޗެއް ކިޔައި މިފަދަ ކަންކަން ހުއްޓުވުމަށް ވަރަށްބޮޑަށް މަސައްކަތް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.