އެންމެ ފަހުން ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް! ޖޭޕީގެ އަމާޒު ހުރީ ކޮން މިސްރާބަކަށް؟

އެންމެ ފަހުން ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް! ޖޭޕީގެ އަމާޒު ހުރީ ކޮން މިސްރާބަކަށް؟

Author
ހުސެއިން
07 މާރޗް 2023 10:00
0

ދިވެހިރާއްޖެ ޑިމޮކްރަސީގެ ހަޔާތުގައި ކޮށްފައިވާ 15 އަހަރުގެ ކުރު ދަތުރަށް ބަލާއިރު، ފާއިތުވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް އެއް ބީދައަކުން ތަމްސީލުވެގެން ގޮސްފައިވާ އެއްކަމެއް އޮތް ކަމުގައި ދަންނަވާން ޖެހެއެވެ. އެއީ ރާއްޖޭގައި އެންމެ ކުރިން އުފެދުނު، އަދި މިއަދު ރާއްޖޭގައި އޮތް އެންމެ ދޮށީ އެއް ޕާޓީ ކަމުގައިވާ ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުތަކުގައި އަދާ ކޮށްފައިވާ ދައުރެވެ.

އަދި އޭގެ އިތުރުން، ފެށުނީއްސުރެ އެޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވަމުން ގެންދަވާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް، އިސްވެ ދެންނެވެނު ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް އަދާ ކޮށްފައިވާ ދައުރާއި، ކޯލިޝަންތައް ހެދުމާއި ރޫޅިގެން ދިއުމުގައިވެސް އެޕާޓީންނާއި ޕާޓީގެ ލީޑަރު އަދާކޮށްފައިވާ ދައުރެވެ.

މިގޮތުން ފާއިތުވެދިޔަ 15 ވަރަކަށް އަހަރުގެ ކުރު މާޒީއަށް ބަލާއިރު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ދެފަހަރެއްގެމަތިން ރިޔާސީ އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް، ފާއިތުވެދިޔަ ހުރިހާ ރައީސުންވެސް ވެރިކަމަށް ވަޑައިގެންފައިވަނީ، ގާސިމް އިބުރާހީމާއެކީ ކޯލިޝަން ހައްދަވައިގެން، ގާސިމް އިބުރާހިމްގެ އެހީތެރިކަމާއެކީއެވެ.

ހަމައެއާއެކު ފާހަގަ ކޮށްލާން ޖެހެނީ، ފާއިތުވެދިޔަ ހުރިހާ ވެރިކަމެއްގައިވެސް އުފެއްދި ކޯލިޝަންތަކުގައި ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީ މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ކޮންމެ ރިޔާސީ އިންތިޚާބެއްވެސް ގާތްވާން ފެށުމާއެކު އެޕާޓީއަށް މީހުންގެ ނަޒަރު ހުއްޓި، އެޕާޓީގެ ތާއީދު ހޯދުމަށް އެހެން ސިޔާސީ ޕާޓީތަކާއި، ޕާޓީތަކުގެ ލީޑަރުންނަށް ކުރައްވަން ޖެހިވަޑައިގެންނަވާ މަސައްކަތްތަކާއި، ގާސިމް އިބްރާހިމްގެ ތާއީދާ ނުލާ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ޖަހަން ޖެހޭ ހިސާބުތަކެވެ.

ފާއިތުވި 15 އަހަރުވެސް ޖޭޕީ ވަނީ ކޯލިޝަންތައް ހެދުމާއި ރޫޅިގެން ދިއުމުގައިވެސް މުހިންމު ދައުރެއް އަދާ ކޮށްފައި

މިގޮތުން ޖުމުހޫރީ ޕާޓީ ފާހަގަވެގެން ގޮސްފައިވަނީވެސް، މި މަގަށް އަބަދުވެސް މިސްރާބު ހިފާ، ހަމައެކަނި ރިޔާސީ އިންތިޚާބުގެ މޫސުން ބޯމަތިވުމުން ހަރަކާތްތެރިވާ ޕާޓީއެއްގެ ގޮތުގައިވެސް މެއެވެ. މިއީ ފާއިތުވި ހުރިހާ ދައުރެއްގައިވެސް އެޕާޓީ ހަރަކާތްތެރިވެފައިވާ ގޮތެވެ. ރިޔާސީ ދައުރުގައި މާބޮޑު ސިޔާސީ ހަރަކާތެއް ހިންގުމެއް ނެތި، އިންތިޚާބު ގާތްވުމުން އެޕާޓީގެ ހަރަކާތްތައް އިތުރުވެ، ލީޑަރޝިޕްވެސް ހަރަކާތްތެރިވާން ފަށައެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް މިހާރު 6 މަސްުދުވަހަށް ވެފައިވާއިރު، މިއަދުގެ ހަގީގަތަކީވެސް މިއީއެވެ. ޖުމުހޫރީ ޕާޓީ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެންމެންވެސް ކުރަމުންދާ ސުވާލަކީ އެޕާޓީން ކޯލިޝަން ހަދާނީ ކޮން ޕާޓީއަކާތޯއެވެ. އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ނިންމަވާނީ ކޮން ނިންމެވުމެއްތޯއެވެ.

 

ގައުމީ ކޮންފަރެންސްއިން ފާސްކުރި ކޯލިޝަނާ ދެކޮޅު ގަރާރު! އެއްވެސް އެއްޗަކަށް ނުވި!

ޖުމްހޫރީ ޕާޓީއިން އިސްވެ އޮންނަ ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، ފާއިތުވި ފެބްރުއަރީމަހު ބޭއްވުނު ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ގަރާރެއް ފާސްކޮށްފައި ވަނީ، ގައުމީ ކޮންފަރެންސްގައި އެވަގުތު ބައިވެރިވަމުންދިޔަ 400 އަށްވުރެ ގިނަ މެމްބަރުންގެ ތަނަވަސް އައުލަބިއްޔަތުންނެވެ.

ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދާ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަަލުކުރާނެ ގޮތެއް ނިންމުމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްޅޯ، އެ ކޮންފަރެންސަށް ހުށަހެޅި ގަރާރަށް މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކުރުމަށްފަހުއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ކޯލިޝަނާ ދެކޮޅު ގަރާރު ފާސްކޮށްފައިވަނީ ބޮޑު އަޢުލަބިއްޔަތަކުން

އަދި، ގަރާރަށް ބަހުސްކޮށް، އައުލަބިއްޔަތުން ގަރާރު ފާސްވުމަށްފަހު، ގައުމީ ކޮންފަރެންސްގައި ބައިވެރި މެމްބަރުންވަނީ، އިވެންޓް އޮތް ހޯލުގައި، ނެށުމާއި ލަވައިން އުފާ ފާޅުވެސް ކޮށްފައެވެ.

އެހެންކަމުން، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ފާޅު ކުރެވިގެންދިޔަ ޝުއޫރާއި، މެމްބަރުން ދެއްކި ވާހަކަތަކާއި، އޭގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރާއެކީ ކޯލިޝަން ހެދުމާއި ދެކޮޅަށް ގައުމީ ކޮންފަރެންސްގައި ނެގި ވޯޓުގައި، ގަރާރާއި އެއްކޮޅަށް ވޯޓުލީ މެމްބަރުން އަދަދަށް ރިއާޔަތް ކޮށްލުމުން، ޖޭޕީގެ ލީޑަރޝިޕްގައިވެސް، އަދި އެޕާޓީގެ އާންމު މެމްބަރުންގެ ރޫހު ހުރީވެސް، ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތު އެޕާޓީން ގަބޫކުރުމާއި ދެކޮޅަށް ކަމީ ވަރަށްވެސް ސާފުކޮށް ފެންނާން އޮތް ހަގީގަތެއް ކަމުގައި ދަންނަވާން ޖެހެއެވެ.

އެހެންނަމަވެސް، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ، ބޮޑު ތާއީދަކާއެކު، ކޯލިޝަން ހެދުމާއި ދެކޮޅަށް ފާސްކުރި ގަރާރު ފާސްވުމަށްފަހު، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ، ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީ ގައުމީ ކޮންފަރެންސް އިން ނިންމި ނަމަވެސް އެ ގަރާރަކީ އެމައްޗަށް އަމަލުކުރުން އެޕާޓީގެ ކައުންސިލަށް މަޖުބޫރު ގަރާރެއް ނޫންކަމުގައެވެ.

އަދި ގާސިމް ވިދާޅުވީ، މިގަރާރާ މެދު ގޮތް ނިންމުމުގެ ބާރު، އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެމަތިން އޮތީ ޕާޓީގެ ކައުންސިލަށްކަމަށް ވާތީ، މިގަރާރު ކައުންސިލާހަމައަށް ގެންގޮސް ދެއްވާނެ ކަމުގައެވެ.

އެއަށްފަހު އޭގެ ދެ ހަފްތާފަހުން ބޭއްވުނު ޖޭޕީގެ ކައުންސިލް ބައްދަލުވުމުން ފެނިގެން ދިޔައީ، އިސްވެ ދެންނެވުނު ގަރާރާ ގުޅޭގޮތުން ކައުންސިލްގައި ބަހުސް ކުރުމަކާވެސް ނުލާ، ގަރާރާއި ގުޅޭގޮތުން ގޮތް ނިންމުމުގެ ހުރިހާ ބާރެއް، ކައުންސިލުން ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމަށް އެރުވި މަންޒަރެވެ.

 

ކައުންސިލުގެ ނިންމުން؟ ގާސިމްގެ މިސްރާބު ހުރީ ކޮން ދިމާލަކަށް؟

ރޭ ބޭއްވުނު ޖޭޕީގެ ކައުންސިލުން ނިންމާފައިވަނީ، އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނުވަތަ އެ ޕާޓީ އިސްވެ އޮވެ ކުރިޔަށް އޮތް ރިޔާސީއިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ، ދާދިފަހުން ބޭއްވުނު އެޕާޓީގެ ގައުމީ ކޮންފަރެންސްއިން ފާސްކޮށްފައިވާ ގަރާރު ތަންފީޒު ކުރުމުގެ ހުރިހާ ބާރެއް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށެވެ.

ޖޭޕީން ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގޮތް ނިންމުމުގެ ހުރިހާ ބާރެއް ޕާޓީގެ ލީޑަރަށް ދޭން ކައުންސިލަށް ހުށަހެޅީ ކައުންސިލްގެ މެމްބަރެއް ކަމުގައިވާ މުހައްމަދު ނާޒިލްއެވެ.

ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ފާސްކުރި ގަރާރު ތަންފީޒު ކުރުމުގެ ހުރިހާ ބާރެއް ގާސިމަށް ދޭން ކައުންސިލް މެމްބަރު ނާޒިލް ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވެއެވެ.

ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން، ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގޮތް ނިންމުމުގެ ބާރު އެޕާޓީގެ ކައުންސިލަށް އޮތް ނަމަވެސް، ކައުންސިލުން އެބާރު ޕާޓީގެ ލީޑަރަށް ނަގުލު ކުރުމުން، ޕާޓީގެ ކައުންސިލުގެ މި ނިންމުން މިއަދު ގިނަ ބަޔަކު މޭރުން ކުރަމުންދަނީ، އެއީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، ރައީސް ސާލިހާއެކީ ކޯލިޝަން ހެދުމަށް އޮވެދާނެ ހުރަހެއް ވިއްޔާ ނެތިކޮށްލުމަށް ގާސިމް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގާސިމްގެ އަމާޒު ހުރީ ރައީސް ސާލިހާއެކީ ކޯލިޝަން ހެދުމާ ދިމާލަށް

އޭގެ އެއް ސަބަބަކީ، ޖުމުހޫރީ ޕާޓީގެ ކައުންސިލްގައި ތިބި އެޕާޓީގެ ގިނަ މެމްބަރުންނަކީ، ސަރުކާރާ ޚިޔާލު ތަފާތު، އަދި ގާސިމް ރިޔާސީ އިންތިޚާބުގެ ފުރަތަަ ބުރުގައި ވާދަކުރުމަށް އިންތިހާއަށް ބޮޑަށް ތާއީދުކުރާ މެމްބަރުންކަން ކަށަވަރުވެ ޔަގީންވާތީއެވެ.

އެހެންނަމަވެސް، ފާއިތުވި ޖޭޕީގެ ގައުމީ ކޮންގްރެސްގައި، ކޯލިޝަނާ ދެކޮޅު ގަރާރު ބޮޑު އަޢުލަބިއްޔަތަކުން ފާސްކޮށް، ކޮންފަރެންސްގެ ބައިވެރިން އުފަލުން ނަޝާ ހެދިނަމަވެސް، އަދި އާންމު މެމްބަރުންގެ ރޫހުވެސް ހުރީ ޖޭޕީން ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމާއި ދެކޮޅަށްކަން ސާފުވާން އޮތް ނަމަވެސް، ޕާޓީގެ ލީޑަރުގެ ބަސްމަގާއި، ކުރައްވަމުން ގެންދަވާ މަޝްވަރާތަކާއި، އަދި ކޯލިޝަންހެދުމާއި ދެކޮޅު މެޖޯރިޓީއެއް އޮތް ކައުންސިލަށް ގޮތް ނިންމުމުގެ ބާރުވެސް ލިބިގެން ދިޔަ ނުދިނުމުން، ޖުމުހޫރީ ޕާޓީގެ ހަގީގީ އަމާޒު ހުރީ ރައީސް ސާލިހާއެކު ކޯލިޝަން ހެދުމާއި ދިމާލަށް މިސްރާބު ހިފާފައި ކަމުގައި މިއަދު މިވަނީ ގަބޫލުކުރާން މަޖުބޫރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.