މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ ލިޓަންގެ މަރުގެ މައްސަލާގައި މުހައްމަދު ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ނިޒާމްގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 60 ދުވަސް ހަމަވާތީ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އިއްޔެ ފުލުހުން ކޯޓުގައި އެދުނެވެ. ނަމަވެސް ބަންދުގެ މުއްދަތު މަޖިލީހުގައި އިންނެވި ގާޟީ ނިންމެވީ ދައުވާ ކޮށްފައިވާތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމާއި މެދު ގޮތެއް ނިންމަން ޖެހޭނީ މައްސަލަ ބައްލަވާ ގާޟީ ކަމަށެވެ. އެއީ އެހެން މައްސަލަތަކުގައި ވެސް އަމަލު ކުރާ ގޮތެވެ.
ބަންދުގެ މުއްދަތު އިތުރު ކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ނިޒާމްގެ ފަރާތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ނެތް ކަމަށް ކޯޓުގައި ބުނެފަ އެވެ. ލިޓަން މަރުވިކަން ސާބިތުނުވާ ކަމަށް ވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އެހެން ނަމަވެސް ގާޟީ ނިންމީ ނިޒާމްގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ. އެހެންވެ، 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރީ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ލިޓޮން މަރާލާފައިވަނީ ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައި ވެއެވެ.
ނިޒާމްގެ މައްޗަށް މިހާރު ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއަކާއި ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާއެކެވެ. ނިޒާމް، ލިޓޮން މަރާލީ ބައި ލައްކަ ރުފިޔާގެ ބޭނުމުގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ލިޓޮންގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިދިޔަ ހަފްތާގައި ވިދާޅުވީ ލިޓޮންގެ ހަށިގަނޑު ނުފެނުނު ނަމަވެސް ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ކުރެވޭނެ ކަމަށެވެ.