އަރަބި ބައްރުގައި މަޝްހޫރު އަދި ނުފޫޒުގަދަ ނޫހެއް ކަމުގައިވާ "އައްސާޤް އަލް-އަވްސާތު" (މާނަ: މެދު އިރުމަތި) ނޫހުގެ އެޑިޓަރުގެ މަގާމު އަދާކުރެއްވި، މަޝްހޫރު ސަލްމާން އަލް-ދޮސަރީ ސައުދީ އަރަބިއާގެ މީޑިއާ މިނިސްޓަރުކަމަށް އައްޔަން ކޮށްފިއެވެ.
އަލް-ދޮސަރީ އަކީ، ސައުދީ އަރަބިއާގެ މީޑިއާގެ ދާއިރާގައި އެންމެ މަޝްހޫރު އެއް ނަމަށް ވުމުގެ އިތުރުން، އޭނާ ވަނީ "އައްސާޤް އަލް-އަވްސާތު" ނޫހުގެ ޗީފް އެޑިޓަރުގެ މަގާމް 2014 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ކުރައްވާފައެވެ.
އޭނާގެ ކުރިން ސައުދީ އަރަބިއާގެ އެކްޓިން މީޑިއާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާފައިވަނީ މާޖިދު އަލް-ޤަސަބީއެވެ. އޭނާ އެމަގާމް ފުރުއްވަމުން ގެންދަވާފައިވަނީ 2020 ވަނަ އަހަރުގެ ފެންރުއަރީމަހުން ފެށިގެންނެވެ.
އަރަބިބަހުން، އެހެންނަމަވެސް ދުނިޔޭގެ އެތައް ގައުމެއްގައި ނެރޭ "އައްސާޤް އަލް-އަވްސާތު" ނޫހުގެ ހެޑްކުއާޓަރު ހުންނަނީ ލަންޑަންގައެވެ. 1978 ވަނަ އަހަރު ވުޖޫދަށް އައި މިނޫސް ދުނިޔޭގެ 4 ބައްރެއްގައި، 14 ސިޓީއެއްގައި އަރަބި ބަހުން ނެރެމުން ދެއެވެ. އަދި މިއީ ސައުދީ ސަރުކާރަށް ތާއީދުކުރާ ނޫހެއްގެ ގޮތުގައި ލޭބަލްވެފައިވާ ނޫހަކަށް ވާއިރު، މި ނޫހުގެ ވެރިއަކީ ސައުދީ ޝާހީ އާއިލާގެ މެމްބަރެއް ކަމުގައިވާ ފައިސަލް ބިން ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދެވެ.
ސައުދީ އަރަބިއާގެ މީޑިއާ މިނިސްޓަރުކަމަށް އައްޔަން ކުރެވުނު އަލް-ދޮސަރީ އަކީ އިތުރު ނޫސް މަޖައްލާތަކުގެ އެޑިޓަރުކަންވެސް ކުރައްވާފައިވާ، އަދި މެދުއިރުމަތީގެ ގައުމުތަކުގެ ލީޑަރުންގެ އިތުރުން، މެދުއިރުމަތީގެ ސިޔާސީ އިންފަރާތްތަކާއި މަޝްހޫރު އިންޓަރވިއުތައްވެސް ކުރައްވާފައިވާ، ތަޖުރިބާކާރު ނޫސްވެރިއެވެ.
ކޮމެންޓު ފޮނުވާ