މައުލޫމާތު ބަދަލުވެގެން ހައްދާ އައިޑީކާޑަށް ނަގާ އަގު 200 ޕަސެންޓް ބޮޑުކޮށްފި

މައުލޫމާތު ބަދަލުވެގެން ހައްދާ އައިޑީކާޑަށް ނަގާ އަގު 200 ޕަސެންޓް ބޮޑުކޮށްފި

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދަން ނަގާ ފީ 200 ޕަސެންޓް ބޮޑުކޮށްފިއެވެ.

މީގެ ކުރިން އައިޑީ ކާޑުގެ މައުލޫމާތު ބަދަލުވެގެން ކާޑު އާކުރާ ނަމަ ނަގަމުން އައި 50ރ. އެވެ. އެކަމަކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ އަގު 150ރ. އަށް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައި ސަބަބެއް ނުބުނެއެވެ.

ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެއެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެއެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މުޙައްމަދު ޝަރީފް ވިދާޅުވީ މިނިޒާމު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މިނިޒާމުގެ ތެރޭގައި މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނު އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ނިޒާމުގެ މަސައްކަތް ނިމިގެންދާއިރު މިއީ ވަށާޖެހޭ ރައްކާތެރި ޚިދުމަތަކަށް ހެދިގެންދާނެކަމުގެ ޔަގީންކަން އޮންނާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާއިރު ލިޔެކިޔުންތަކުގައި ޑިޖިޓަލްކޮށް ސޮއިކުރަން ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން މިމަހުގެ ފަހުކޮޅު ޑިޖިޓަލް ސޮއި ތަޖުރިބާކުރުމަށް ހުޅުވާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *