ޒިޔަދަމްގެ ގާތިލަށް މަރުގެ ހުކުމް އިއްވައިފި

ޒިޔަދަމްގެ ގާތިލަށް މަރުގެ ހުކުމް އިއްވައިފި

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2023 12:01
0

ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި، ޤާތިލުން ކަމަށްވާ ލ.މުންޑޫ މުހައްމަދު ޝަނޫނަށް މަރަން އަދި އަލީ ސިފާމް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޒިޔަދަމް މަރާލީ 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުގެ ދައުވާއެވެ. މީގެ އިތުރުން ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ވަނީ ސާބިތުވެފައެވެ. އަދި ސިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ. ޝަނޫންގެ މައްޗަށް ޒިޔަދަމް މަރާލުމުގެ ކުށް ސާބިތުވިއިރު، ސިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ. މި ދެމީހުގެންގެ މައްޗަށްވެސް ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ޒިޔަދަމްގެ ވާރިސުން ވަނީ ގިސޯސް ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އެގޮތުން ޒިޔަދަމްގެ ބައްޕަ ހިމެނޭހެން 9 ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ޝަރީޢަތުގައި ބުނެފައެވެ.

މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވި ޝަރީޢަތުގައި، ޝަނޫން މަރަން ޙުކުމްކޮށްފައިވާއިރު، ސިފާމްގެ މައްޗަށް ޒިޔަދަމް މަރައިލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި ވާތީ 25 އަހަރަށް ޖަލަށްލާން ވަނީ ޙުކުމްކޮށްފައެވެ.

ޒިޔަދަމްގެ މަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދަޢުލަތުން ވަނީ މާރާމާރި ހިންގިއިރު، އެކަން ހުއްޓުވުމުގެ އިޚްތިޔާރު ސިފާމަށް ލިބުނުކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޒިޔަދަމަށް ހަމަލާދިނުމަށް ސިފާމް އިތުރަށް މަގުފަހިކޮށްދީފައިވާކަމަށާއި، އެހެންކަމުން އެކަމުގައިސ ިފާމް ބައިވެރިވެފައިވަނީ އެންމެ މަތީ ދަރަޖައަށްކަމަށް ދަޢުލަތުން ވިދާޅުވެފައިވެއެވެ.

2015 ވަނަ އަހަރު މާޗް މަހުގެ 20 ވަނަ ދުވަހުގެރޭ ޒިޔަދަމް މަރާލަފައި އޮއްވާ ފެނުނީ އެރަށު ވަގުތީހިޔާގޭ ބަދިގެތެރޭގައި އޮއްވައެވެ. ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި ޒިޔަދަމް މަރާލާފައިވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. މިމާރާމާރީގައި މަރުވި ޒިޔަދަމްއާއި، އޭނާ މަރާލި ކަމަށް ކުށްސާބިތުވި ޝަނޫންއާއި، ސިފާމްއަކީވެސް އެކީގައި އުޅުނު ތިން ރަށްޓެހިންކަމަށާއި ޒިޔަދަމް މަރާލި ރޭ ސިފާމްގެ ކޮއްކޮއާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.