ވިޔަފާރިވެރިންގެ ޖަމިއްޔާ އޮފީސްތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ ޤާތިލް، ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ޒުހައިރަކީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހެކެވެ. ދިއްފުށީގައި ދިރިއުޅުނު ނަމަވެސް އޭނާ ދޭތެރެ ދޭތެރެއިން މާލެ އާދެއެވެ. ޒުހެއިރު ފެނުނީ އެ ރަށުގެ އަތިރިމަތީގައި ޖޯއްޔެއްގައި އޮއްވަ އެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން މިހާރު އެ ރަށަށް ދަތުރުކުރަމުން ދާ ކަމަށް ވެއެވެ. މި މަރާ ބެހޭ ގޮތުން ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެހެންވެ، ޒުހެއިރު މަރުވީ ކީއްވެގެން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
2001 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް އަޒްލީނާ މަރާލި މައްސަލައިގައި ޒުހައިރު މިނިވަންކޮށްފައި ވަނީ 11 އަހަރަށް ފަހު 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާ އަކީ އަޒްލީނާ މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހެކެވެ.
އެފަހުންވެސް ޢޭނާ ވަނީ ކޯވިޑްގެ ތެރޭގައިވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ކޯވިޑް-19 އަށް ސާމްޕަލް ދިނުމަށް އޭނާ ދެކޮޅު ހެދުމުން ކޯޓު އަމުރެއް ނެރެފައި ވަނިކޮށެވެ. އެ އަމުރުގައި ބުނެފައި ވަނީ، ސާމްޕަލް ދިނުން ނޫނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި އެއްޗެއް އަންގަން ދެން އޭނާ ހައްޔަރުކޮށްފައި ބަހައްޓަން ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. ނަމަވެސް އެމައްސަލާގަިއވެސް ފަހުން އޭނާ ދޫކޮށްލިއެވެ.
އަޒްލީނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރެއިންނެވެ. އަޒްލީނާ އަކީ އޭރު އެޖަމިއްޔާގެ ސެކެޓްރީ އެވެ. ޒުހައިރަކީ އޭރު އެ ޖަމިއްޔާގައި ވަޒީފާ އަދާކުރި މީހެކެވެ. އަޒްލީނާގެ މަރުގެ ހާދިސާއަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ރަހުމުކުޑަ އެއް މަރުގެ ހާދިސާއެވެ.