މިދިޔަ އަހަރު ޑިސެމްބަރު މަހު ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ތިން ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ނިޒާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމާއި، ވައްކަމާއި، މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިގޮތުން ނިޒާމު ދައްކާފައި ހުރި ވާހަކަތަކުގެ އިތުރުން އެހެން ހެކިތަކުން ވެސް އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ގަބޫލުކުރެވޭކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތެޔޮ ބޯޓުގައި ހުރި ފައިސާ ވަގަށް ނެގިކަމަށް ތުހުމަތު ނިޒާމުގެ މައްޗަށް ކުރެވޭ ކަމަށާއި އެކަމަށް ބާރު ލިބިދޭ ހެކިވެސް ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން ނިޒާމު ހައްޔަރުކުރި އިރު، ނިޒާމުގެ އަތުގައި މަސްތުވާތަކެތި ހުރި ކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.
ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމީހުން ހޯދަމުންދަނިކޮށް ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. އަދި ގެއްލުނުކަމަށް ބުނާ ނިޒާމް ވަނީ މާލެއިން ފެނިގެން ފުލުހުން އޭނާ ހައްޔަރުކުރީ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. މީގެއިތުރުން ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ޖެނުއަރީ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުމަތިން ވަނީ ފެނިފައެވެ.
ނިޒާމްގެ މައްޗަށް ދައުވާކުރަން ނިންމާފައިވާއިރު ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ފުލުހުން ބުނެފައިވަނީ އެއީ ލިޓަންގެ ހަށިގަނޑު ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ