ޖަޕާނުގެ އެންމެ ދެކުނުން އޮންނަ އެއް ސިޓީ ކަމުގައި ހޮއްކައިޑޯ ޕްރީފެކްޗަރއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޔޫއެސް ޖިއޮލިޖިކަލް ސާވޭއިންނާއި އަދި ޖަޕާން މީޓިއޮރޮލޮގިކަލް ސާވޭއިން ހާމަ ކޮށްފައިވާ ގޮތުގައި، މިރޭގެ އިރާކޮޅުން ފަހުގެ ވަގުތެއްގައި އައި މި ބިންހެލުން އައިސްފައިވަނީ 6.1 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އައްސޭރިފަށަށް އައި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައެއް ނުވެއެވެ. ބިންހެލުން އައިސްފައިވަނީ އައްސޭރިފަށުގައި އޮންނަ ދެ ސިޓީ ކަމުގައިވާ ކުޝިރޯއަށާއި އަދި ނުމެރޯއަށެވެ.
މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގެ މައުލޫމާތު އަދި މިހާތަނަށް ޖަޕާންގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައެއް ނުވެއެވެ.
ބިންހެލުން އައިސްފައިވަނީ މިރޭ ޖަޕާނުގެ ގަޑިން 10:27 ގައި، 43 ކިލޯމީޓަރު ފުނުން ކަމުގައި ޔޫއެސް ޖިއޮލިޖިކަލް ސާވޭއިން ބުނެފައި ވެއެވެ.
ޖަޕާން އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ގައުމެވެ. ޖަޕާން އުފެދިފައި އޮންނަނީ ޕެސިފިކްގެ ސީސްމިކް ހަރަކާތްތައް ގިނަ ދުންޏެއް ކަމުގައިވާ "ރިންގ އޮފް ފަޔަރ"ގައެވެ. މިއީ ޕެސިފިކްއިން ސައުތު އޭޝިއާ ސަރަހައްދާއި ހަމައަށް ދެމިގެންދާ ފަށަލައެކެވެ.
ޖަޕާނަކީ އިމާރާތްކުރުމުގައި ވަރަށް ހަދަނާ އުސޫލުތަކެއް ގެންގުޅެމުން އަންނަ ގައުމެކެވެ. މިގޮތުން 1980ގެ އަހަރުތަކަށްފަހު އެގައުމުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރަނީ، "އާތުކުއޭކް ޕްރޫފްކޮށް" ޑިޒައިން ކުރުމަށް ފަހުއެވެ. އަދި ބިންހެލުންތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން އަބަދުވެސް ސްކޫލްތަކުގެ ދަރިވަރުންނަށާއި، ސަރުކާރު މުވައްޒަފުންނަށާއި އަދި އެނޫންވެސް އެގި ގިންތިކުގެ ފަރާތްތަކަށް އަމާޒުކޮށް އެމަޖެންސީ ޑްރިލްތައް އެގައުމުގެ ސަރުކާރުން ބާއްވަމުން ދެއެވެ.