ޤައުމީ ޖަލްސާގައި ވޯޓުގެ ކަންކަން ކުރިއަށްދާނީ ދެފުށްފެންނަ ގޮތަކަށް: އިލްހާމް

ޤައުމީ ޖަލްސާގައި ވޯޓުގެ ކަންކަން ކުރިއަށްދާނީ ދެފުށްފެންނަ ގޮތަކަށް: އިލްހާމް

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2023 12:03
0

މިއަދު ފަށާ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި ވޯޓުގެ ކަންކަން ކުރިއަށްދާނީ ދެފުށްފެންނަ ގޮތަކަށް ކަމުގައި އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި މި ޤައުމީ ޖަލްސާގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ މިފަހަރުގެ ޖޭޕީގެ ޤައުމީ ޖަލްސާގައި އެކި މަޤާމުތަކަށް ކުރިމަތިލީ މީހުންގެ އަދަދު އިތުރުވެ ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި ދެކެވެމުންދާ ވާހަތަކާއި މީޑިއާތަކުގައި ފަތުރަމުންދާ ބައެއް ޚަބަރުތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިއަދު ފަށާ ޖޭޕީގެ ޤައުމީ ޖަލްސާގައި ފޮޓޯ ނެތް ފާހެއް ބޭނުންކޮށްގެން ކޮންގްރެސް ތެރެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ވޯޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިވާހަތަކާއި ގުޅިގެން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި ވޯޓުގެ ކަންކަން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުންވެސް ވޯޓުލާ އުސޫލުން އޮންނަ އިންތިޒާމުތަކުގެ ތެރެއިން ކަމަށެވެ. ވޯޓުގައި އެއްވެސް މަކަރެއް އޮޅުވާލުމެއް ނޯންނާނެކަމަށާއި، ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ އިންސާފުވެރި ކަމާއިއެކުގައިކަމަށެވެ.

އިލެކްޝަން ކޮމިޝަނުންވެސް އަމަލު ކުރާ އުސޫލުން ވޯޓް ކަަންކަން ކުރިއަށްދާނީ. ވޯޓާރސްލިސްޓް ވެސް އާންމުކޮށް، ދެފުށް ފެންނަގޮތަށް ހުރިހާ އިންތިޒާމްތައް ހަމަޖެހިފައިވަނީ.

– އިލްހާމް ވިދާޅުވިއެވެ.

މިއަދު އޮންނަ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރާއި ނައިބު ލީޑަރުންނާއި އެހެނިހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެއެވެ.

ޖޭޕީގެ ކޮންފަރެންސްގެ އެޖެންޑާގައި ހުރި މުހިންމު ކަންކަން:

1- ކޮންފަރެންސްގެ ބައިވެރިންގެ ރަޖިސްޓްރޭޝަން.
2- ޖޭޕީގެ ފަސް އަހަރު ދުވަހުގެ ރިޕޯޓު ހުށަހެޅުން.
3- ގާސިމް، ޖޭޕީގެ ކޮންފަރެންސް ހުޅުއްވައި ދެއްވުން.
4- އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައި ބަހުސްކޮށް ވޯޓަށް ނެގުން.
5- ޖޭޕީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުން.
6- ރިޔާސީ އިންތިހާބާ މެދު ޖޭޕީން ގޮތް ނިންމާ ގަރާރު ހުށަހެޅުން.

އިއްޔެ ބޭއްވި ނޫސްވެރިގެ ބައްދަލުވުމުގައި އިލްހާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި އެކި މަޤާމުތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ފަރާތުން ފެނިގެންދަނީ ވަރަށް ރީތި ނަމޫނާއެއްކަމަށެވެ. އެހެން ޕާޓީތަކުން ބާއްވާ އިންތިޚާބުތަކުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް އަރައިރުންވެ ޒާތީ ކަންކަމާއިބެހި ހަޑި ހުތުރުބަހުން އެއްޗިހި ގޮތާތަން ފެންނަ ކަމަށާއި، ނަމަވެސް ޖޭޕީގެ އެއްވެސް ކެނޑިޑޭޓެއްގެ ފަރާތުން އެފަދަ ކަމެއް ނުފެންނަކަމީ އުފާ ކުރައްވާ ކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ދެފުއް ފެންނަ އިރު އެއްފުށުގައި އެއްވެސް އެއްޗެއްލިޔެފައެއް ނުހުރޭ އެހެން ނޫނީ ދެފުށައް ވުރެ ގިނައިން ހުންނަ ފުއްތައް ނުފެންނަނީ ކީއްވެ؟؟