ކޯލިޝަނެއްގެ ތެރެއަށް ވަންނާނީ މާޒީން ނެގި ފިލާވަޅުގެ ތެރެއިން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުގެ ނައިބް ރައީސް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ޑރ. ރަފިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކޯލިޝަންގެ ތެރެއިން މަސައްކަތް ކުރުމަށް ނިންމާފައި ނިންމުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް ޗެއާ ކުރެއްވައިގެން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށެވެ. އަދި ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީއާއި ކޯލިޝަން ހެދުމަށް ނެގުނު ވޯޓުގައި އެމްޑީއޭގެ ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދު އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން ނުފެންނަ ކަމަށް ވަނީ ނިންމާފަައެވެ. މިއާއިއެކު އެޕާޓީން ވަނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ދައުވަތު ދީފައިވާ ޕާޓީތަކާއިއެެކު މަޝްވަރާ ކުރުމަށް ނިންމާފައެވެ.
އެމްޑީއޭގެ ނައިބް ރައީސް ރަފިއްޔާ ވިދާޅުވީ އެމްޑީއޭއިން ކެނޑިޑޭޓަކު ނުނެރެން ނިންމި ނިންމުމަކީ މިވަގުތު ޤައުމުގެ ހާލަތާއި، ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ފެންނާތީ ކަމަށެވެ. އަދި އެޕާޓީން ކޯލިޝަން ހަދާނީ މާޒީން ލިބުނު އިބުރަތްތައް ހާސިލް ކުރުމަށްފަހު ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.
އެމްޑީއޭ ކޯލިޝަން ހެދުމަށް ނިންމި ނިންމުމަކީ މިވަގުތު ދިވެހި ރައްޔިތުންނަށް، އަދި މި ޕާޓީއަށްވެސް އެންމެ ފައިދާހުރި ގޮތް. ކޯލިޝަނެއްގެ ތެރެއަށް ވަންނާނީ މާޒީން ނެގި ފިލާވަޅުގެ ތެރެއިން.
– ޑރ.ރަފިއްޔާ ވިދާޅުވިއެވެ.
އެމްޑީއޭއިން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުތީ ޕީޕީއެމްގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ދެ ޕާޓީގެ ގުޅުން ހީނަރުވެ، ރައްޔިތުންގެ މަޖިލީހަށް އެމްޑީއޭއިން ވާދަ ކުރީ ވަކިންނެވެ. އެފަހަރު އެ ޕާޓީން މަޖިލީހުގެ ދެ ގޮނޑި ކާމިޔާބު ކުރިއެވެ.
އެއަށް ފަހު ވެސް ޕީޕީއެމްއާ އެކު ތަފާތު އެކި މަސައްކަތްތައް ކުރުމަށްފަހު 2018 ވަނަ އިންތިހާބަށް ޕީޕީއެމްއިން ކުރިމަތިލީ އެމްޑީއޭގެ ތާއީދާ ނުލައެވެ. އެމްޑީއޭއިން އެ އިންތިހާބުގައި ރަސްމީކޮށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ