ރޯދަ މަހަށް ޚާއްޞަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަ މަހަށް ޚާއްޞަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

Author
ޢަލީ އާދަމް
23 ފެބްރުއަރީ 2023 08:18
0

ރޯދަމަ މަހަށް ޚާއްޞަ ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެކައުންސިލްގެ 90ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުކަމަށެވެ. އެޖަލްސާގައި މޭޔަރު ވިދާޅުވެފައިވަނީ ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާ ހަވާލު ނުކުރިނަމަވެސް ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީވެސް މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭތަނެއް ކަމަށް ކަމުގައި ސިޓީކައުންސިލުން ވިދާޅުވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މިހާރު 10 ވަރަކަށް ހާސް ޢާއިލާ ދިރިއުޅެމުން ދާކަމަށާއި، އެފަރާތްތަކަށް ރަމަޟާންމަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދުން ދަތި ކަމަކަށްވާނެތީ، މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަން ކުރިއަށްގެންދަންޖެހޭކަން މޭޔަރު ފާހަގަކުރައްވާފައިވާކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އޭގެން އާމްދަނީއެއް ލިބޭގޮތަށް ކަމަށާ، މިއާއެކު މި ލޯކަލް މާރުކޭޓް ހިންގުމާއި މެދުގައި މަޝްވަރާކުރަން ނިންމީ އެތަނުގައި ވަރަށް ގިނަބަޔަކު ދިރިއުޅޭތީ އާއި މިކަމަކީ އެ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވާތީކަމުގައި ސިޓީކައުންސިލުން ވިދާޅުވެއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއާ ހަވާލާދީ ސިޓީކައުންސިލުން ވިދާޅުވީ މިކަމާއި ގުޅޭ މަޝްވަރާތައް އެޗްޑީސީއާއިއެކު ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެފަރާތުންވެސް މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ނުރަސްމީކޮށް ވިދާޅުވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.