މި މަހުގެ އެއްވަނަ ދުވަހުގެ ރޭ އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު)، (73) ހޯދުމަށް ކުރާ ތަހުގީގަށް ލިބުނު ބައެއް މައުލޫމާތުގެ ސަބަބުން މާލޭގެ ސަރަހައްދުތަކެއްގެ ސީސީޓީވީ ފޫޓޭޖުތަކެއް ބަލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހަސަން އަލީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ އެއްވަނަ ދުވަހުގެ 9:37 ގައެވެ. ހަސަން އަލީ ހޯދުމަށް ކުރި މަސައްކަތުގެ ތަފުސީލު ހާމަކޮށް ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިރާސާކުރި ފުޓޭޖުތަކުން ހަސަން އަލީ އެންމެ ފަހުން ފެނިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުގެ 9:30 ހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނުކުމެގެންދާ މަންޒަރު ކަމަށެވެ. ތަހުގީގަށް ލިބުނު މައުލޫމާތާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައްވެސް ބަލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަހުގީގުގެ ތެރެއިން 199 މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް 29 މީހެއްގެ ބަޔާން ވަނީ ނަގާފައެވެ. ހަސަން އަލީ ހޯދުމަށް ރަށުގައި މީހުން ދިރިއުލޭ ހުރިހާ ގެއަކާއި ރަށުގެ ހުރިހާ ފަޅު ގޯތިތަކާއި ގެވަޅު އަދި ހުސް ބިންތަކާއި ރަށުގައި ހިންގާ ހުރިހާ ގެސްޓް ހައުސްތަކާއި ކެފޭ ރެސްޓޯރަންޓް ބަލައިފާސްކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ.
ރަށުގެ ހޭޅިފަށާއި ގޮނޑުދޮށާއި ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަހައްދަކާއި ވަޅުފަދަ ތަންތަން ބަލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރަށުގެ ހުރިހާ އޮޑިދޯނިފަހަރު ބަލައި އެއްވެސް ރަށަކަށް ހަސަން އަލީ ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.
އޭގެ އިތުރުން ރަށުގެ ގޮނޑުދޮށުން ފެށިގެން ފަޅާއި ފަރު އަދި ކަނޑުގެ ސަރަހައްދު ފީނައިގެން ވަނީ ބަލާފަ އެވެ. އަދި މަތިވެރި ކައިރީގައިވާ ފަޅު ރަށްރަށާއި ތިލަތަކާއި ފަޅުތައް ފީނައިގެން ބަލާފައިވާ ކަމަށާއި ވައިގެ މަގުންވެސް އެ ސަރަހައްދުތައް ބަލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަސަން އަލީ ހޯދުމަށް ކުރާ މަސައްކަތުގެ މައުލޫމާތު ގަވާއިދުން އާއިލާއަށް ހިއްސާކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ހަސަން އަލީއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ތަހުގީގު ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ