މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ރިޔާސީ އިންތިޚާބަށް ކުރިޔަށް އޮތީ އެންމެ 198 ދުވަހެވެ. މިގޮތުން ރިޔާސީ އިންތިޚާބަށް 6 މަސްދުވަހަށް ވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް މިހާރުވަނީ އިންތިޚާބަށް އަމާޒުކޮށް އެޕާޓީތަކުގެ ސަފުތައް ރުކުރުވާލަން ފަށާފައެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ސާލިހަށް އަރުވާ، އަދި އޭގެ އިތުރުން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކޯލިޝަނެއް އެކުލަވާލުމުގެ ދައުވަތުވެސް މިހާރުގެވެސް ކޯލިޝަން ޕާޓީތަކަށް ދީފައެވެ.
މި ދައުވަތާއެކު، އަދާލަތު ޕާޓީން މިހާރުވެސް ވަނީ އެމްޑީޕީއާއެކު ކޯލިޝަން މަޝްވަރާތައް ފަށާފައެވެ. ޖުމުހޫރީ ޕާޓީން ދަނީ އެޕާޓީގެ ގައުމީ ކޮންގެރެސް ބާއްވާ، ރިޔާސީ އިންތިޚާބުގެ ކުރިން އެޕާޓީގެ އާ ލީޑަރޝިޕް އިންތިޚާބު ކުރުގެ މަސައްކަތް ފަށާފައެވެ. ޖުމުހޫރީ ޕާޓީން ބުނެފައިވަނީ، މި ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކޮންގްރެސްއަށްފަހު ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ގޮތް ނިންމާނޭ ކަމުގައެވެ.
ހަމައެއާއެކު، އަލަށް އުފެއްދި އެމްއެންޕީންވެސް ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އައްޔަންކޮށް، ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެޕާޓީން މިހާރުވެސް ދަނީ ކެމްޕޭން ދަތުރުތައް ރާއްޖޭގެ ބައެއް ރަށްތަކަށް ކުރަމުންނެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކްޓިވް ގިނަ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ޕްލޭންތައްކޮށް، އެބައެއްގެ "ކާރޑު"ތައް ކުޅެން ފަށާފައިވާއިރު، ސަރުކާރުގެ ކެނޑިޑޭޓު ފިޔަވާ ދެން އެންމެބޮޑު ތާއީދެއް އޮތްކަމަށް ބެލެވޭ އިދިކޮޅު ޕީޕީއެމްގެ ތެރެއިން ފެންނާން އޮތީ މިއާއި ޚިލާފު، ތަފާތު މަންޒަރެއްކަމުގައި ދަންނަވާން ޖެހެއެވެ.
އެޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޔާމިން ގެންދަވަނީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި 11 އަހަރުގެ ޖަލުހުކުމް އައިތާ 2 މަސްފަހުން، އެ މައްސަލާގެ އިސްތިއުނާފްގެ މަރުހަލާ ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު، އެފަދަ ދެވަނަ މައްސަލައެއްގެ ޝަރީއަތް މިހާރުވަނީ މެކުހަށް ޖަހާފައެވެ.
މިގޮތުން ފުއްގިރީގެ މައްސަލައިގެ ޝަރީއަތުގެ ޝެޑިއުލް، މައްސަލަ ބައްލަވާ ގާޒީ އިއްޔެ އިއުލާން ކުރައްވާފައިވާއިރު، އެ މައްސަލައިގެ ހުކުމް 3 ނުވަތަ 4 ވަރަކަށް މަސްދުވަހުގެ ތެރޭގައި ޔާމީންގެ މައްޗަށް އަންނާނޭ ކަމަށް ބެލެވެއެވެ. އެއާއެކު ޔާމިންއަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ އުއްމީދު އިތުރަށް ފަނޑުވެގެން ގޮސްފައިވި ނަމަވެސް، ޕާޓީގެ ލީޑަރޝިޕަށް އަދިވެސް އަޑު އުފުލާން ޖެހިފައިވަނީ، ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމިންކަމަށް ވިދާޅުވަމުންނެވެ.
އެހެންނަމަވެސް، ޖަލުން މިނިވަން ވާނޭ ކަމުގެ އުއްމީދުތައް އިންތިހާއަށް ފަނޑުކޮށް އޮވެމެވެސް، ޕީޕީއެމްގެ ލީޑަރޝިޕަށް އެހެން އެއްވެސް ވިސްނުމަކާ ދިމާލަށް ދަތުރު ނުކުރެވިގެން އުޅޭ ހަގީގީ ސަބަބަކީ ކޮބައިތޯ މިއީ މިއަދު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ވަރަށް ބޮޑު ސުވާލެކެވެ.
ރިޔާސީ އިންތިޚާބުފަދަ ބޮޑު އިންތިޚާބަކަށް ޚަރަދުކުރާނޭ ފަނޑު ކަށަވަރު ކުރެވޭނެ ގޮތެއް ޕާޓީއަށް އެބައޮތްތޯ، އަދި އިދިކޮޅު ޕީޕީއެމްއާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކާއި ރަގަޅު ގުޅުމެއްވެސް ގާއިމް ކުރެވިފައި ނެތިމެ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅު ޕީޕީއެމް އަށް އޮތް ފުރުސަތަކީ ހަގީގަތުގައިވެސް ކޮބައިތޯ މިއަދު ގިނަބަޔަކު މިވަނީ ސުވާލު އުފައްދަން ފަށާފައެވެ.
ރައީސް ޔާމިން ޖަލަށް ވަޑައިގެންނެވީ ހުރިހާ ތަޅުދަނޑިއެއް ހިތްޕަވައިގެންތަ؟
އިނދިކޮޅު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމިންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދެވަނަ ދައުވާއެއް ސާބިތުވެ ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުގެ ކުރިން، ފާއިތުވި އަހަރުގެ މެދުތެރޭގައި، ރިޔާސީ އިންތިޚާބަށް ދޮޅު އަހަރެއްހާ ދުވަސް އޮއްވާ، ވާދަވެރި ޕްރައިމަރީއަކާވެސް ނުލާ، އެޕާޓީންވަނީ ރައީސް ޔާމިނަށް ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައެވެ.
އެއާއެެކު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާނޭ ކެނޑިޑޭޓެއްގެ ގޮތުގައި، ސިއްކަ ޖެހިގެން ދިޔައީ ރައީސް ޔާމިން ކަމުގައެވެ. އެހާތަނުން، އޭރުވެސް ކުރިޔަށް ދިޔަ ޝަރީއަތާއެކުވެސް، ޕާޓީން އަޑު އުފުލަމުން ދިޔައީ، އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނީ ރައީސް ޔާމިން ކަމުގައެވެ.
އަދި މި ޝުއޫރުތަކާއެކު، ރައީސް ޔާމިން މިނިވަންވެ ހުންނަވާ، އިދިކޮޅު ޕީޕީއެމްއިން ބާއްވަމުން ދިޔަ ޖަލްސާތަކުގައި ޚުދު ރައީސް ޔާމިންވަނީ، އިދިކޮޅު އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް ބަހުގެ ހަމަލާތަކުން އިންޒާރު ދެއްވާ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެހެން އެއްވެސް ޕާޓީއަކާއެކީ ޕީޕީއެމްއިން މަސައްކަތް ނުކުރާނޭކަން އެތައް މޭރުމަކުން ހާމަކޮށް ދެއްވާފައެވެ.
އޭގެ އެއް ނަތީޖާއަކަށް ވެގެންދިޔައީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔަ ޕާޓީތަކަށްވެސް، އެ އުދާސްތަކާއެކުވެސް އިދިކޮޅު ޕީޕީއެމްއާއި އެއްގަލަކަށް އަރައިގެން، އެކީ މަސައްކަތް ކުރުމަށް އޮތް ފުރުސަތު އެކީ ގެއްލިގެން ދިއުމެވެ. އިދިކޮޅުގައި އޮވެމެ، ސިޔާސީ ބާރާއި، ފައިސާއާއި އަދި އެނޫންވެސް އެއްވެސް ނުފޫޒެއް ނެތުމާއެކުވެސް، ނާކާމިޔާބީގައި ހިތްތިރިކޮށް، ވަރުގަދަ ކޯލިޝަނެއް ސަރުކާރާ ދެކޮޅަށް އެކުލަވާލުމަށް އިދިކޮޅަށް ޕީޕީއެމްއަށް، ރައީސް ޔާމިން މިނިވަންވެ ހުންނަވާ، ފުރުސަތު ފަހިވެގެން ދިޔަތަން ފެނިގެން ގޮސްފައެއް ނުވެއެވެ.
ނަތީޖާއެއްގެގޮތުން، ޖަލަށް ވަޑައިގަތުމާއި ހަމައަށްވެސް، އަދި އޭގެ ފަހުންވެސް ޕީޕީއެމްއަށް ކުރާންޖެހިފައިވާ ސިޔާސީ ދަތުރަކީ "އެކަނިވެރި" ދަތުރެއް ކަމުގައި ދަންނަވާން ޖެހެއެވެ.
މިއަދުގެ ހާލަތަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ބޯމަތިވެ، އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދާ، ފަންޑު ހޯދާ، ޕާޓީތަކުގެ ލީޑަރޝިޕްތައް ރުކުރުވާލާ، މަޝްވަރާތައް ފަށާ، މަސައްކަތްތައް މެކުހަށް ޖަހާފައިވާއިރު، އިދިކޮޅު ޕީޕީއެމްގެ ލީޑަރަޝިޕަށް އަދިވެސް ގޮތް ހުސްވެފައި އޮތުން ނޫން އެހެން އެއްވެސް "ޗޮއިސްއެއް" އޮތްކަމަށް ފެންނާން ނެތުމެވެ.
އެއާއެކު، މަތިމައްޗަށް ހިނގަމުންދާ ޝަރީއަތްތަކާއެކު، އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަކުރެވިދާނެކަމުގެ އުއްމީދުވެސް އޮތީ އެހާމެ ފަނޑުކޮށް ކަމުގައި ދަންނަވާން ޖެހެއެވެ. އެހެންނަމަވެސް، ރައީސް ޔާމިންގެ ރުހުމާނުލާ، ރިޔާސީ އެހެން ކެނޑިޑޭޓަކަށް ޕާޓީއަށް ފުރުސަތު ދެވޭކަށް ނެތެވެ. އެވާހަކަ ޕާޓީގެ އެތެރޭގައި ދެއްކޭކަށްވެސް ނެެތެވެ. މިހާރުގެ ލީޑަރޝިޕުން ބޭނުންވި ނަމަވެސް، ފެންނަމުން ދަނީ ލީޑަރޝިޕްގެ ދެއަތް ބަނދެވި، ދޫ ބަންދުވެފައި އޮތް މަންޒަރެވެ.
ކުރުކޮށް ދަންނަވަނީނަމަ، ޖަލަށް ވަޑައިގަންނަވަމުން ރައީސް ޔާމިން ވަޑައިގެންނެވީ ހުރިހާ ތަޅުދަނޑިއެއްވެސް ހިތްޕަވައިގެން ކަމުގައި މިއަދު މިވަނީ ގަބޫލުކުރާން މަޖުބޫރު ވެފައެވެ.
ނަތީޖާއަކީ އަނެއް 5 އަހަރު މަގުމަތި ވުންތަ؟
ގަބޫލު ކުރެވޭ ގޮތުގައި، ރައީސް ޔާމިންގެ އާ ބަސް ނެތި، ރިޔާސީ އިންތިޚާބަށް ވާދަކުރުމުގެ ވިސްނުން ގެގުޅުން، ނުވަތަ އެވާހަކަ ދެއްކުންވެސް އިދިކޮޅު ޕީޕީއެމްގެ އެތެރޭގައި ވެފައި އޮތީ ކުރެވޭ ބޮޑު "ފާފައެއްގެ" ގޮތުގައެވެ.
މިއީ އެޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭބެފުޅުންވެސް، ޕާޓީގެ އެތެރޭގެ މިވަގުތުގެ ހާލަތު މޭރުން ކުރާ ގޮތްވެސްމެއެވެ. ހަގީގަތާއި ކިތަންމެ ދުރު ނަމަވެސް، އެންމެންނަށްވެސް އެއް އަޑަކުން ވަކާލާތު ކުރާން ޖެހިފައި އޮތީ، "ވޯޓު ކަރުދާހުގައި ރައީސް ޔާމިންގެ ނަން" އޮންނާނޭ ކަމަށް ބުނަމުންނެވެ.
އެހެންނަމަވެސް، މި އޮއިވަރު މި ގޮތުގައި އޮތްނަމަވެސް، ގިނި ކަންޏާ ނުކުމެއް އެއްވެސް ޕާޓީއަކަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެއް ދަންނަވާން ޖެހެއެވެ. އެއާއެކު، އިންޑިއާގެ އެހީތެރިކަމާއެކު، ވަރުގަދަކޮށް އޮތް ރައީސް ސާލިހުގެ ސަރުކާރާ ވާދަކުރުމަށް، ފައިސާގެ އެހީތެރިކަންވެސް އިންތިހާއަށް އިދިކޮޅު ޕީޕީއެމްއަށް ބޭނުންވާނޭކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އެހެންނަވަމަވެސް، އިންތިޚާބަށް 6 މަހަށް ވެފައިވާއިރު، ވަގުތު އޮއްވާ ޕާޓީއަަށް އެހެން ކެނޑިޑޭޓަކު ދެއްކިދާނެކަމާމެދު އޮތް އުއްމީދުތައް ފަނޑުވެ، ވަގުތުވެސް ފާއިތުވެ، ފައިސާގެ ގޮންޖެހުން އިންތިހާއަށް ބޮޑުކޮށް އޮވެމެ، ގުޅުން އޮތް އެއްވެސް ޕާޓީއެއް ސިޔާސީ މަސްރަހުގައި ނެތިމެ، ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ މައްޗަށް މަތިމައްޗަށް ކުރެވެމުންދާ ދައުވާތަކާއެކު، ހަގީގަތުގައިވެސް ފެންނަމުން މިދަނީ ޕާޓީގެ ލީޑަރޝިޕް ގޮތް ހުސްވެފައިވާ މަންޒަރުކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މިނޫން މަގެއް، އެހެން ހައްލެއް، ނުވަތަ އާ ވިސްނުމަކުން ވިސްނުމުގެ ހިތްވަރު އިދިކޮޅު އެންމެ ބޮޑު ޕާޓީގެ މިހާރުގެ ލީޑަރޝިޕްގައި ނެތިއްޖެނަމަ، ފާއިތުވެދިޔަ 5 އަހަރެކޭ އެއްފަދައިން އެޕާޓީ އަނެއްކާވެސް އަނެއް 5 އަހަރަށް މަގުމަތިވެގެން ދިއުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެއް ކަމުގައިވެސް މިއަދު މިވަނީ ގަބޫލުކުރާން މަޖުބޫރުވެފައެވެ.